އަވަށްޓެރި އިންޑިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އިންޑިއާގެ ވެރިރަށް ކަމުގައިވާ ނިއު ދިއްލީ އަށް މި ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 4.6ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ ސަބަބުން ނިއު ދިއްލީ އާއި އެ ސިޓީގެ ވަށައިގެންވާ ހިސާބުތަކަށް އަސަރު ކޮށްފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން މި ބިންހެލުން އުފެދިފައި ވަނީ ހަރިޔާނާގެ ރޮހްޓަކްގެ ބިމު އަޑިން 3.3 ކިލޯމިޓަރުންނެވެ.

ބިންހެލުމުގެ އަސަރު އެތައް ސިކުންތުތަކަކަށް ދެމިގެން ދިޔައިރު، އެވަގުތުގައި އާއްމުން ވަނީ ގެތަކުންވެސް ނިކުމެފައެވެ.

”އަހަރެންގެ ކޮޓަރީގެ މޭޒާއި، ފަންކާ އާއި ސީލިންގުގެ އިތުރުން ފާރުގައި ހަރުކޮށްފައި އިން ޓީވީ ވެސް ވަނީ ވަރަށް ގަދަޔަށް ތެޅިފަ. ވަރަށް ބިރުގަތް އެގަޑީ“ ބިންހެލުމުގެ އަސަރު ތަހައްމަލު ކުރި އިންޑިއާގެ ރައްޔިތަކި އެގައުމުގެ އެންޑީޓީވީ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބޭކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެެވެ.

ނިއުދިއްލީ އޮންނަ ސަރަހައްދަކީ އިންޑިއާގައި އެންމެ ގިނައިން ބިންހެލުންތައް އަންނަ އެއް ސަރަހައްދެވެ.

ކިޔުންތެރިންގެ ހިޔާލު