އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން އުފެދިފައިވާ ރުޅިވެރިކަމެއް އޮވެއެވެ. މި ރުޅިވެރިކަން އެ ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް ވަރަށް ބޮޑަށް އޮވެއެވެ. އެހެންކަމުން މި ދެ ގައުމުގެ ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަމެއް ކޮށްދީފިނަމަ އެކަން ހަބަރުތަކުގެ ފަލަ ސުރުހީ އަށް އަބަދުވެސް އަރައެވެ.

ދާދި ފަހުންވެސް ކަންތައް ވީ ހަމަ މިހެންނެވެ. އެކުވެރި އަރަބި އިމާރާތުގައި ހާލުގައި ޖެހުނު މާބަނޑު އަންހެނަކަށް އިންޑިއާ ބަޔަކު އެހީވުމުން މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބުނެވެ.

ޔޫއޭއީގައި އުޅެމުން އަންނަ ޕާކިސްތާނުގެ ތަހްމީނާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ބައިގެން ގޮސްފައެވެ. މި އުނދަގޫ ވަގުތުގައި އޭނާ އެ ގައުމުގައި ހުރީ އެކަންޏެވެ. ލޮކްޑައުންގެ ސަބަބުން އޮމާންގައި މަސައްކަތް ކުރާ އޭނާގެ ފިރިމީހާ ހުރީ ޔޫއޭއީ އަށް އޭރު ނުދެވިފައެވެ.

ނުވިތާކަށް ތަހްމީނާ ފައިސާގެ އެހީ އަށްވެސް ބޭނުންވިއެެވެ. މި ވަގުތުގައި ތަހްމީނާ އަށް އެހީވުމަށް އައީ އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ މުސްލިމް ވޮލަންޓިއަރުންގެ ގްރޫޕަކުންނެވެ. އެމީހުން ތަހްމީނާ އަށް ފައިސާގެ އެހީވެސް ދީ އެހެނިގެން ގޮތްގޮތުންވެސް ވަނީ އެހީވެފައެވެ.

މިހާރު ތަހްމީނާގެ ފިރިމީހާވެސް ޔޫއޭއީ އަށް ގޮސްފައިވާއިރު، އެ ދެމަފިރިން ބުނެފައި ވަނީ އެމީހުން އެ ވެެދިނީ ވަރަށްވެސް ބޮޑު އެހީއެއް ކަމަށާއި އެމީހުން ކޮށްދިން ކަންތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    އެމީހުން އެހީވީ އިންޑިޔާއަށް ނިސްބަތްވާތީކީ ނޫން. މުސްލިމުންކަމަށްވާތީ. މުސްލިމުންނަކީ ކޮންމެ ދީނެއްގެ ބަޔެއްނަމަވެސް އިހުތިރާމްކުރާމީހުން.

    8
    1