އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ މީހަކު މަރުވި މައްސަލައިގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި ޑެރެކް ޗައުވިންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލައިފިއެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ މިނެޕޮލިސް ސަރަހައްދުގެ ރައްޔިތުން ނިކުމެ މުޒާހަރަ ކުރަމުން ގެންދާތާ މިހާރު ތިން ދުވަސް ވެއްޖެއެވެ. އެމީހުން ގޮވާލަމުން ގެންދަނީ ފްލޮއިޑްގެ މަރާއި ގުޅިގެން ފުލުހުންގެ ވަޒީފާ އިން ވަކިކުރި ހަތަރު ފުލުހުންގެ މައްޗަށް ވެސް ދައުވާ އުފުލުމަށެވެ.

ނަމަވެސް އަދި މިހާތަނަށް ދައުވާ އުފުލާފައި ވަނީ ހަމަޖެހި ޗައުވިންގެ މައްޗަށް އެކަންޏެވެ. މިމައްސަލައިގައި ހިމެނޭ އިތުރު މީހަކު އަދި މިހާތަނަށް ހައްޔަރު ވެސް ކޮށްފައެއް ނުވެއެވެ.

ޗައުވިން އަކީ ފްލޮއިޑް މަރުވުމުގެ އިރުކޮޅެއް ކުރިން އޭނާގެ ކަރުގައި ކަކޫ އަޅައިގެން އިން ފުލުސް އޮފިސަރެވެ. ފްލޮއިޑްގެ ކަރުގައި ޗައުވިން ކަކޫ އަޅައިގެން އިނުމުން "ނޭވައެއް ނުލެވޭ" ކަމަށް ފްލޮއިޑް ބުނާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ.

ޗައުވިންގެ މައްޗަށް ދައުވާ އުފުލުމުން މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ އިންސާފު ހޯދަން ކުރަމުން އަންނަ މަސައްކަތުގެ އެއް މަރުހަލާ ކާމިޔާބު ވެއްޖެކަމަށާއި ނަމަވެސް މުޒާހަރާތައް ހުއްޓާލާނީ ފްލޮއިޑްގެ މަރާއި ގުޅުން ހުރި އެންމެންގެ މައްޗަށް ދައުވާ އުފުލުމުން ކަމަށެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މިނެޕޮލިސްގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ގިނަ ބަޔަކު އެއްވެ ފުލުހުންގެ ވެހިކަލްތަކަށް ވަނީ ގެއްލުން ދީފައެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރަން މިހާރު ވަނީ ސިފައިން ވެސް ނެރެފައެވެ. މުޒާހަރާ ރޫޅާލަން ފުރަތަމަ ކަރުނަގޭސް ޖެހި ނަމަވެސް މުޒާހަރާތައް ރޫޅާލެވިފައެއް ނުވެވެ. މިހާރު ވަނީ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ވެސް ބޭނުން ކޮށްފައެވެ.