ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 6,009,130 (ހަ މިލިއަން ނުވަހާސް ސަތޭކަ ތިރީސް) އަށް އަރާފައެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިރޭ ހަ މިލިއަނަށް އަރާފައި ވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 108,000 އަށްވުރެ އިތުރެވެ. މިއީ މިހާތަނަށް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ފައްސިވި ފަހަރެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އަނެއްކާވެސް އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން އިއްޔެއަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ދުވަހެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނިވެސް ދުނިޔެއިން 116,304 މީހަކަށް ބަލި ޖެހުނެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާ އާއި ބްރެޒިލް އަށެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 1,789,286 މީހަކަށް މި ބަލި ޖެހިފައިވާއިރު، ބްރެޒިލްގެ 465,166 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 366,039 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ، 2,650,688 މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި 2,992,411 މީހަކަށް ފަރުވާދމުން ދެއެވެ. އޭގެތެރެއިން 53,722 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު