އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ނިއު ސައުތު ވޭލްސްގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެއްވެސް މީހަކު ފައްސިވެފައި ނުވާ ކަމަށް ސިއްހީ އިދާރާތަކުން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ "ޑެއިލީ މެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓުގައި ކޮވިޑް-19 އަށް މީހަކު ފައްސިނުވެ އަލަށް ވޭތުވި އެއް ދުވަހެވެ. އެ ސްޓޭޓުގެ ސިއްހީ އިދާރާތަކާ ހަވާލާދީ ޑެއިލީމެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި 24 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓުން އެކަނި ވަނީ 9،452 ސާމްޕަލެއް ނަގައި ޓެސްޓުކޮށްފައެވެ. އަދި އެމީހުންގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ފައްސިވެފައި ނުވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ވޭތުވެދިޔަ 11 ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލް ސްޓޭޓުން ފެނިފައި ވަނީ 11 ވޭދަނަ (ކޭސް) ކަމަށާއި، އަދި އޭގެ ތެރެއިން ހަތް މީހުންނަކީ ބޭރަށް ދަތުރުކޮށް އެނބުރި އައި މީހުން ކަމަށް އެ ސްޓޭޓުގެ ސިއްހަތާ ބެހޭ އިދާރަތަކާއި ހަވާލާދީ ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ. މިހާތަނަށް އެ ސްޓޭޓުން އެކަނިވެސް 494،000 މީހުންގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ވަނީ ޓެސްޓުކުރެވިފައެވެ.

ނިއު ސައުތު ވޭލްސް އިން މިބަލި ކޮންޓްރޯލް ކުރެވިފައި ވަނީ އާންމުން ކޮވިޑް-19 ވައިރަހަށް ހޭލުންތެރިވެފައިވާ މިންވަރުން ކަމަށާއި މި ވައިރަހުގެ އަލާމާތެއް ފެންނައިރަށް އަމިއްލައަށް ރިޕޯޓުކުރާ މީހުންގެ އަދަދު އެ ސްޓޭޓުގައި ގިނަ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

މިހާރު ނިއު ސައުތް ވޭލްސްގައި ވެސް ވަނީ ދީނީ ހަރަކާތްތަކާއި، ކައިވެނި ހަފްލާ ފަދަ ކަންކަން ބޭއްވުން މަނާކޮށް، ބޭރަށް ނިކުމެ އުޅުމުގައި އިޖްތިމާއީ ގައިދުރުކަން ގާއިމްވާނެ ފަދައިން ކަންކަން އިންތިޒާމްކޮށްފައެވެ. މި ބަލި ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށް ތައްޔާރަށް ތިބި ކަމަށް ނިއު ސައުތު ވޭލްސްގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް 7171 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު، ބަލިން އެއްކޮށް ރަނގަޅުވެފައިވާ މީހުންގެ އަދަދު 6،582 އަކަށް އަރައެވެ.