އެމެރިކާ ފުލުހުން ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމުގެ ތެރޭގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުން ކުރުމުން އޭނާ މަރުވި މައްސަލަ ހޫނުވެ ވަރުގަދަ މުޒާހަރަތަކެއް ދަނީ ކުރަމުންނެވެ. ފުރަތަމަ މުޒާހަރާތައް ފެށުނީ ފްލޮއިޑް ނިސްބަތްވާ މިނެސޮޓާގެ މިނެޕޮލިސް ސަރަހައްދުގައެވެ. ނަމަވެސް މިހާރު އެމެރިކާގެ އިތުރު އެހެން ސްޓޭޓްތަކުގައި ވެސް މުޒާހަރާތައް ވަނީ ފެށިފައެވެ.

އެމެރިކާ ފުލުހުންގެ އަތުން ކުށެއް ނެތް މީހުން މަރުވުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް ކަޅު ނަަސްލުގެ މީހުން މަރުވާ އަދަދު އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ނުވަ ގުނަ އިތުރެވެ. މިފަދަ ކޮންމެ ހާދިސާއަކުން ވެސް ފެންނަނީ ފުލުހުންގެ އަނިޔާވެރިކަމެވެ.

ފްލޮއިޑް ހައްޔަރުކޮށް އޭނާގެ ކަރާއި ދިމާލުގައި ފުލުހަކު ކަކޫ އަޅައިގެން އިން މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ. އެ ވީޑިއޯއިން އެނގޭ ގޮތުގައި އަށެއްކަ މިނެޓް ވަންދެން ފުލުސް މީހާ ފްލޮއިޑްގެ ކަރުގައި ކަކޫ އަޅައިގެން އިނެވެ.

ކަރުގައި ކަކޫ އަޅައިގެން އިނުމުން ފްލޮއިޑަށް ނޭވާލާން އުނދަގޫވެ، އެންމެ ފަހުން ބުނީ "އަހަރެންނަށް ނޭވައެއް ނުލެވޭ، ދޫކޮށްލާ" ށެވެ. ނަމަވެސް ފްލޮޮއިޑްގެ ހަރަކާތް ހުއްޓެންދެން ފުލުސް މީހާ އިނީ ފްލޮއިޑްގެ ކަރުގައި ފައި އަޅައިގެންނެވެ.

ފުލުހުން ބުނާ ގޮތުގައި ފްލޮއިޑް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މިމަހުގެ 25 ވަނަ ދުވަހު ފްލޮއިޑް ހައްޔަރު ކުރީ ވަގު 20 ޑޮލަރެއްގެ ނޫޓެއް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވިގެންނެވެ. އޭނާ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި، ފުލުހުންނަށް ހަމަލާ ދިނުމުގެ އެއްވެސް އަމަލެއް ހިންގާފައިވާކަން އެނގޭކަށް ނެތެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން، އޭނާގެ ކަރުގައި ކަކޫ އަޅައިގެން އިން ފުލުސް މީހާގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފައެވެ. އަދި އޭނާގެ އިތުރުން ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރި އަނެއް ތިން ފުލުހުން ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ވެސް އެމެރިކާ ފުލުހުންގެ ހަމަލާތަކުގައި 1004 މީހަކު މަރުވެފައި ވެއެވެ.