ކަޒަކިސްތާނުގައި ޓެބެއް ނުދީގެން ރުޅި އައިސްގެން ބޭބެއަކު މަރުތޭލަކުން ޖަހާ ކޮއްކޮ މަރާލައިފިއެެވެ.

ލުޑާ ނަމަކަށް ކިޔުނު 10 އަހަރުގެ އަންހެން ކޮއްކޮ އަށް މަރުތޭލެއް ބޭނުންކޮށްގެން ހަމަލަދީ މަރާލީ އޭނާގެ އުމުރުން 15 އަހަރުގެ ބޭބެ އެލެކްސީއެވެ. އެލެކްސީ ވަނީ އޭނާ ކޮއްކޮ މަރާލާފައިވާ ކަމަށް އެއްބަސްވެސް ވެފައެވެ. އޭނާ ބުނީ ކޮއްކޮ އަށް ހަމަލާ ދިނީ ނިދާފައިވަނިކޮށް ކަމަށެވެ.

އެ ހަމަލާގެ ސަބަބުން ލުޑާގެ ބޮލުގެ ކަށިގަނޑުން ބޮޑު ބައެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާ މަރުވީ ލިބުނު ގެއްލުމުގައި، ވަރަށް ވޭނުގައި ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ދެ ކުދިންގެ އަވަށްޓެރިއަކު ވަނީ އެ ދެ ކުދިން ޓެބްލެޓަކާއި މެދު ޒުވާބު ކުރި އަދު އިވުނު ކަމަށާއި އަދި އެލެކްސީގެ އަތުގައި މަރުތޭލެއް އޮއްވާ ފެނުނު ކަމަށްވެސް ބުނެފައެވެ. އެލެކްސީ އޭނާގެ ކޮއްކޮއަށް ތަކުރާރުކޮށް އެތައް ފަހަރަކު ހަމަލަ ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި އޭނާގެ ކޮއްކޮގެ މަރުވެފައިވާ ހަށިގަނޑު ގެންގޮސް އަވަށްޓެރިއެެއްގެ ގޭގެ ފާރު ބުޑަށް ލާފައިވާ ކަމަށް ވެސް އޭނާ ތަހުގީގަށް ކިޔާދިނެވެ.

އަދި ހެދުން ބަދަލުކޮށްގެން ގޮސް، އޭނާގެ ކޮއްކޮ ގެއްލިފައިވާ ކަމަށް މައިންބަފައިންނަށް އެންގީ ކަމަށާއި، އޭނާ ހޯދަން މައިންބަފައިންނަށް އެހީވެސްވި ކަމަށް އޭނާ ކިޔާދީފައިވެއެވެ.

އެލެކްސީގެ މައްޗަށް މަރުގެ ދައުވާ ކުރަން ފުލުހުން ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ ޖަލުގައި 15 އަހަރު ހޭދަކުރަންޖެހޭނެއެވެ. ފުލުހުން ވަނީ އެ މަރަކީ ރަހުމެއް ނެތް އަނިޔާވެރި މަރެއް ކަމަށާއި، ޓެބްލެޓެއް ނުދިނުން ފަދަ ކުޑަ ކަމަކާއި ހުރެ އަމިއްލަ ކޮއްކޮ މަރާލުމަކީ އެލެކްސީގެ ނަފްސާނީ މައްސަލަތަކެއް ހުރިކަން ދޭހަވާ ކަމެއް ކަމަށް ބުނެފައެވެ.