ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ނުރައްކާތެރި ކޮވިޑް-19 ފެތުރެން ފެށުމާއެކު ބައެއް ގައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާފައިވަނީ އޭޝިއާ ސަރަހައްދުގައި ހިމެނޭ ދެކުނު ކޮރެއާ، ޓައިވާން އަދި ހޮންކޮންގެވެ. މިގޮތަށް އެގައުމުތަކަށް ސަމާލުކަން ހުއްޓިފައި ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅު ތަކަށެވެ. މިފަދަ ސަމާލުކަމެއް މީގެ ކުރިން ވިއެޓްނާމަކަށް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް މިހާރު ގިނަ ގައުމުތަކުގެ ސަމާލުކަން ވިއެޓްނާމަށް ހުއްޓިފައިވަނީ މިހާތަނަށް ބަލި ޖެހިގެން އެގައުމުން އެއްވެސް މީހަކު މަރުވެފައި ނުވާތީއެވެ.

ނުވަދިހަ ހަތް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެނިފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މިއަދާއި ހަމައަށް އެގައުމުން ފައްސިވެފައިވަނީ 328 މީހެކެވެ. އަދި އެކެއްގެ ހާލު ސީރިއަސްއިރު އެގައުމުން އެއްވެސް މީހަކު މި ބަލި ޖެހިގެން މަރުވެފައެއް ނުވެއެވެ. މިއީ ގިނަ ބަޔަކު ހައިރާން ކަމެއްގެ ތެރެއަށް ގެނެސްފައިވާ ކަމެކެވެ.

ގިނަ ގައުމުތަކުގައި ސިއްހީ ނިޒާމު ވަރުގަދައެވެ. އެހެން ނަމަވެސް ވިއެޓްނާމަކީ ސިއްހީ ނިޒާމު ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު އެހާ ވަރުގަދަ ގައުމެއް ނޫނެވެ. އެގައުމަށް ބަލާއިރު، ކޮންމެ 10,000 މީހަކު ބަލަނީ 8 ޑޮކްޓަރުންނެވެ.

އެގައުމުން ވަނީ އެންމެ ފުރިހަމައަށް ބަލި ކޮންޓްރޯލް ކޮށްފައި ކަމަށް ގިނަ ގައުމުތަކުން މިހާރު ވަނީ އެއްބަސް ވެފައެވެ. އެހެން ކަމުން އެގައުމުން ވަނީ ބަލި ޖެހޭ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ގޮތް ހާމަ ކޮށްފައެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ވިއެޓްނާމުން ކޮވިޑް-19 ފެނިފައިވާއިރު، އޭގެ ކުރިން، ކައިރި އެހެން ގައުމުތަކުން ބަލި ފެނުމާއި އެކު އެގައުމުން ވަނީ ބަލި އަންނާނެ ކަމަށް ތައްޔާރުވެފައެވެ.

ވިއެޓްނާމްގެ ވިޔަފާރިވިއަކު އިޖްތިމާއީ ގައިދުރުކަމުގެ މިސާލެއް ދައްކަނީ

އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ބަލި އަންނާނެ ކަމަށް ވިސްނައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިރުޝާދުތައް ދިނުމުގެ ކުރިން އެކަމަށް ތައްޔާރު ވެފައިވާ ކަމަށެވެ.

"ސިއްހަތު ޖަމްއިއްޔާގެ ގައިޑްލައިންސްތަކަށް މަޑު ކޮށްގެން ނެތިން. ބޭރުން ނަގާފައިވާ ތަފާސް ހިސާބުތަކަށް އަވަހަށް ފިޔަވަޅުތައް އަޅަން ފެށީ" ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހައިޖީން އެންޑް އެޕިޑެމިއޮލޮޖީގެ އިންފެކްޝަން ކޮންޓްރޯލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ފަން ގުއަންގް ތައި ބުނެފައިވެއެވެ.

ތިން ހަފްތާގެ ފުރަބަންދަކަށްފަހު އެގައުމުން އޭޕްރިލް ފަހުކޮޅު އިޖްތިމާއީ ގައިދުރު ކަމުގެ ގަވައިދުތަކެއް އެކުލަވާލިއެވެ. އަދި ވިޔަފާރިތަކާއި ސްކޫލްތައް މިހާރު ވަނީ ހުޅުވައި މަޑު މަޑުން އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަން ފަށާފައެވެ.

ފުރަބަންދަށްފަހު ވެއެޓްނާމްގެ މީހުން މާސްކު އަޅައިގެން ބޭރުގައި

އެގައުމުން ތައްޔާރު ވެފައިވާ މިންވަރަށް ބަލާއިރު، ޖެނުއަރީ ކުރީކޮޅު ވަނީ އެއާޕޯޓްގައި ހުން ބެލުމަށް ހާއްސަ މެޝިނެއް ބަހައްޓާފައެވެ. އަދި އެގޮތަށް ބަލާ ބެލުމުން ހުން ހުންނަ ފަރާތްތަކުން އައިސޮލޭޓް ކުރެއެވެ. އަދި ޖެނުއަރީ މެދުތެރޭގައި އެގައުމުގެ ބޮޑުވަޒީރު ވަނީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ގޮވާލާފައެވެ.

ބަލި އެގައުމުން ފެނުމާއި ގުޅިގެން ޖެހިގެން އައި ދުވަހު އެގައުމުން ވަނީ ޗައިނާގެ ވުހާން އިން ފްލައިޓްތައް އެޅުން މެދުކަނޑާލާފައެވެ. ޗައިނާއަކީ ވިއެޓްނާމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދާ ގައުމެކެވެ. އެގައުމުން ޗައިނާއިން އަންނަ ހުރިހާ ފްލައިޓްތަކެއް އެޅުން މަނާ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މީގެ އިތުރުންވެސް އެގައުމުން އަންނަނީ ބަލި ފެނުމާއި އެކު ހުއްޓުމެއް ނެތި ގިނަ ބަޔެއްގެ ކޮންޓެކްޓް ޓްރޭސިން ހަދައި ދިމާވެފައިވާ މީހުން ކަރަންޓީން ކުރަމުންނެވެ.

މިގޮތަށް ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކުން ކަމާއި ގުޅުން ހުރި އިދާރާތަކަށް ފާއިތުވި 14 ދުވަހު އެމީހުންނާއި ދިމާވެފައިވާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    މިގައުމުގަ ނެތޭ އެއްވެސް ވެރިޔެއް، ތިކަހަލަ ހަރުދަނާ ފިޔަވަޅު އަޅަން ކެރުނު. ހިތިބޭސް ބޯން ބޭނުންވާ މީހުން ގިނައީ. މިއީ ވެރިކަމެއްހޭ، ބަލާ ވެރިކަމެއްހޭ. ވަބާ ވެރިކަމެއް ހޭ.

    10
  2. ދަރަނި ދަންތުރަ

    ސަރުކާރުން ރައްޔިތުން ރައްކަލަށް ކުރިން ފިޔަވަޅުއެޅުމުގެ މުހިއްމުކަން މިއިނގެނީ ކިހާސަޅި ، އަލީވަހީދުމެން މައިގޭޓު ބަންދުނުކޮށް ތިބީ ޑޮލަރ ފޮތި ހޯދަންވެގެން..

    10