އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނަށް ނިސްބަތްވާ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލައިފި އެވެ.

ނޫސްތައް ބުނާގޮތުން އިސްރާއިލް ސިފައިން އޭނާއަށް ބަޑިން ހަމަލާދީފައި ވަނީ، އިސްރާއިލް އިން ފޭރިގަނެފައިވާ ފަލަސްތީނުގެ ޤުދުސްގައެވެ. ސިފައިން އޭނާގެ ގަޔަށް ބަޑި ޖަހާފައި ވަނީ، އޭނާގެ އަތުގައި ހަތިޔާރެއް އޮތްކަމަށް ބުނެއެވެ.

އިސްރާއިލް ސިފައިން އެއްވެސް ކުށެއްނެތް އެ ޒުވާނާ ޝަހީދުކޮށްލިފަހުން އެނގިފައިވާ ގޮތުގައި ސިފައިން އޭނާއަށް ހަމަލާދިން ވަގުތު އޭނާގެ އަތުގައި ހަތިޔާރެއް ނެތެވެ. އެހެންވެ ފަހުން އިސްރާއިލް ސިފައިން ބުނެފައިވަނީ، ބަޑި ޖަހަން ޖެހުނީ އެ ޒުވާނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ހީކޮށް ކަމަށެވެ.

ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ވެސް، އެ ޒުވާނާ ޝަހީދުވެފައިވާކަން ނޫސްތަކަށް ކަށަވަރުކޮށްދީފައި ވާއިރު އެ އިދާރާތަކުން ބުނެފައި ވަނީ އެ ޒުވާނާއަކީ ސިކުނޑީގެ މައްސަލައެއް ދިމާވެ، ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށެވެ.

މިއަދުގެ ހާދިސާގައި ޝަހީދުކޮށްލާފައި ވަނީ އުމުރުން 32 އަހަރުގެ މީހެކެވެ. އޭނާއަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ފަލަސްތީނުގެ މުސްލިމް އާއިލާތައް އިސްރާއިލް ވެރިންނާއި އަސްކަރިއްޔާގެ ވަކިތަކުގެ ދަށުވެ އަނިޔާ ލިބެމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ. އިސްރާއިލް އިން ފަލަސްތީނުގެ އާންމު ފަރުދުންނަށް އަނިޔާވެރިވެ މުސްލިމުން ޝަހީދު ކުރަމުން ދަނީ، އެ މުސްލިމުންގެ ބިން ފޭރި އެ ބިމަށް އަތްގަދަ ކުރުމަށް ފަހު އެވެ.

ޤުދުސްގައި ދިރިއުޅެމުންދިޔަ މުސްލިމުން، އެމީހުންގެ ވަޒަނުން ފައްސާލުމަށްފަހު މިހާރު އެ ސަރަޙައްދުގައި އިސްރާއިލްގެ ރައްޔިތުން އަންނަނީ ވަޒަންވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޛ

    ޙަލާކު ހުރި އިޒްރާއީލަށް

    16