ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު، ކޮވިޑް-19 ޖެހިގެން މަރުވި ޤައުމަކަށް ބްރެޒިލް ވެއްޖެ އެވެ.

ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް ބްރެޒިލް ވެފައި ވަނީ، ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވެ، މަރުވި މީހުންގެ އަދަދު ސްޕެއިން އާއި ފްރާންސަށްވުރެ އިތުރުވުމުންނެވެ.

މީގެ ކުރިން ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި ބްރެޒިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވެއެވެ. ނަމަވެސް ބަލީގެ ނުރައްކާ އިންތިހާއަށް އެޤައުމުގައި ބޮޑުވެ، ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ބްރެޒިލް އިން މިހާތަނަށް ޖުމްލަ 498,440 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 30000 އަށްވުރެ ގިނަ ބަޔަކު ބައްޔަށް ފައްސިވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެޤައުމަކީ މިދިޔަ 24 ގަޑިއިރު ތެރޭ ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭ ބްރެޒިލް އިން އިތުރު 30,102 މީހަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި އިތުރު 890 މީހަކު މަރުވެފައި ވެއެވެ.

މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ޖުމްލަ 28,834 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގެ އިދާރާތަކުން ބުނާގޮތުން، މި ބަލީގައި އެޤައުމުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 8,318 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ބްރެޒިލް އިން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބްރެޒިލް އަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމުވެސް މެއެވެ. އަދި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އެއީ އެވެ.

ބްރެޒިލް އިން ކޮވިޑް-19 ގެ ވޭދަނައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މާރިޗު 20 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 330 މީހަކު އެޤައުމުން ބައްޔަށް ފައްސިވެފައިވާކަން ހާމަވެފައި ވެއެވެ. ދުވަހެއް ދުވަހަކަށް ބްރެޒިލްގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އިއްޔެއަކީ މިހާތަނަށް ބްރެޒިލް އިން އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހަށް ވަނީ ވެފައެވެ.

ބްރެޒިލް އަށް ކޮވިޑް-19 ނުރައްކާ ބޮޑުވަމުން މިދަނީ، މި ބަލީގެ ކުރީކޮޅު އެޤައުމުގެ ރައީސް ޖައިރު ބޮލްސެނާރޯ، އެޤައުމުގައި ބަލި ނުފެތުރޭނެ ކަމަށް ބުނެ ދުނިޔެ ކުރިމަތިލަމުން މިދާ ހާލަތަށް "ޖޯކު" ޖަހައި މަލާމާތްކޮށްފައި ވަނިކޮށެވެ. އޭނާ ބުނެފައިވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމާއި އޭނާ ދެކޮޅެވެ.

އެހެން ޤައުމުތަކުން ކޮވިޑް-19 އަށް އަޅާ ފިޔަވަޅުތަކަށްވެސް ފާޑުކިޔަމުން ބޮލްސެނާރޯ ކުރިން ބުނެފައިވަނީ ބްރެޒިލްގެ ރައްޔިތުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފައިބައި ތިބި ނަމަވެސް ބަލި ޖެހުމުގެ މާބޮޑު ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    ކޮބާ ފިރިހެންވެގެން ރަޖާލައިގެންނުތިބޭނެކަމަށްގޮވި ބޮލުރޮދިސާރިއޯ؟ ތިމާގެބާރުނުހިގާކަންތަކަށް ހަޖޫނުޖަހަން ވިސްނާކަށްނުވޭތޯ؟ ބޯޑަރެއްކޮންމެމީހަށްވެސްްވާނެ އެއަކުން ބޭރެއްނުވެވޭނެ ކިތަންމެފުއްޕިއަސް ވިސްނާލާފަﷲއަށް ބިރުވެތިވާށެވެ.

  2. ފެނިއްޖެ

    މާކުރިން ވެސް ބުނަމުންއައިން މިމީހުން ބޯނޭ ވަރުގަދަ ބޮނޑިއެއް..ފެނިއްޖެ..ކުރިއަށް އޮތީ ނާމާންކަން..އާދައިގެ ރޯގާއެކޭ..ކަލޭމެންނަށް ކުރި ލިބޭނީ ބޮލްސޮނާރޯ ވެރިކަމުންވައްޓައިގެން

  3. ނަބާ

    ބޮޑާ ކަމާއި ، ކިބުރުވެރިކަން ހުންނަ ކޮންމެ މީހަކަށް ގެއްލުމާއި ހަލާކު ހުއްޓެވެ. ގަދަބަސް ބުނާ ކޮންމެ މީހަކަށް ، އެބަސް އަނބުރާ ﷲ ސުބްޙާނަހޫ ވަތަޢާލާ ރައްދުކުރައްވާނެއެވެ.. އެއީ ދިރިތިބީންގެ ޢިބްރަތަކަށެވެ .. މިގޮތަކަށް ގަދަބަސް ބުނެ، ﷲ އަށް ގޮންޖެއްސެވި އެތަށް ބައެއްގެ ނިމުން އައިގޮތް ކީރިތި ޤުރްއާނުން އެއޮތިީ އެނގެން އެބައޮތެވެ، ވީ އިރު މިކަލޭގެ ހާލަކީ ކޮބައިތޯ؟؟؟ ތައްޔިތުން ނުކުމެ މިނަ ކުޑަކަކޫ މައްޗަށް ތިރިނުކޮށްފިއްޔާ ރަނަގަޅު !!!