ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް އެމެރިކާ އިން އިތުރު 1015 މީހަކު މަރުވެއްޖެއެވެ. މިއާއި އެކު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 105,557 އަށް އަރާފައެވެ. އިއްޔެ އަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 23290 މީހުންނެވެ. އިއްޔެ އެމެރިކާ އިން ފައްސިވި މީހުންގެ އަދަދު ހުކުރު ދުވަހު ފައްސިވި މީހުންނަށް ވުރެ މަދެވެ. ހުކުރު ދުވަހު އެމެރިކާ އިން 25069 މީހަކު ފައްސިވެފައި ވެއެވެ. އެމެރިކާ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 1,816,820 އަށް އަރައެވެ. އޭގެ ތެރެއިން 535,238 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކުގެ ހާލަތައް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވީ ނިއުޖާޒީންނެވެ. ނިއުޖާޒީން އިއްޔެ 101 މީހަކު މަރުވެފައި ވެއެވެ. ދެވަނަ އެންމެ ގިނަ މީހުން މަރުވީ ކެލިފޯނިއާ އިންނެވެ. ކެލިފޯނިއާ އިން 76 މީހަކު މަރުވިއިރު މިހާރު ހާލަތު ރަނގަޅު ވަމުން އަންނަ ނިއުޔޯކުން އިއްޔެ މަރުވީ 70 މީހުންނެވެ.

އެމެރިކާ އަލުން ހުޅުވާލުމަށް ޑޮނަލްޑް ޓްރަމްޕް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ގެންދާއިރު، އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-7 ސަމިޓް، ކުރިން ވެސް ކަނޑައެޅިފައިވާ ގޮތައް އަންނަ މަހު ބާއްވަން ޓްރަމްޕް ވަނީ ނިންމާފައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ވެރިން ސަމިޓްގައި ބައިވެރިވުމަށް އެމެރިކާ އަށް ވަޑައިގަތުމަށް ޓްރަމަޕް ރޭ ވަނީ ދައުވަތު ދީފައެވެ.

ނަމަވެސް ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވަނީ ސަމިޓްގައި ބައިވެރިވުމަށް އެމެރިކާ އަށް ވަޑައިނުގަންނަވާނެ ކަން މިހާރު އިއުލާން ކުރައްވާފައެވެ. އެހެން ގައުމުތަކުގެ ވެރިން އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު