މިއަހަރު ނިމެން ވާއިރަށް ކޮވިޑް-19 އަށް ވަރަށް ގިނަ ވެކްސިންތަކެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވާ ބައެއް ކުންފުނިތަކުން ބުނެފިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ 100 އަށް ވުރެ ގިނަ ލެބޯޓްރީގައި ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން ދިހަ ވަރަކަށް ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރަމުންދާ ވެކްސިންތަކުން އަދި މިހާތަނަށް ލިބުނު ނަތީޖާތައް ރަނގަޅެވެ.

ވެކްސިނެއް މިއަހަރު އުފެއްދިދާނެ ކަމަށް ބުނާ އެއް ތަޖުރިބާކާރަކީ އެމެރިކާގެ ފައިޒާ ކުންފުނީގެ ވެރިޔާ އަލްބާޓް ބޯލާއެވެ. އެމެރިކާގެ ފައިޒާ ކުންފުނިން ވެސް ގެންދަނީ ޖަރުމަންވިލާތުގެ ބައޮންޓެކް ނަމަކަށް ކިޔާ ކުންފުންޏަކާއި ގުޅިގެން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، އުއްމީދު ކުރެވެނީ އަންނަ އޮކްޓޯބަރ މަހު ވެކްސިން އުފެއްދޭވަރު ވާނެ ކަމަށެވެ.

"ހުރިހާ ކަމެއް ވެސް ރަނގަޅަށް ހިނގައްޖެ ނަމަ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ، ވެކްސިން އޮކްޓޯބަރ މަސް ނިމެން ވާއިރަށް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ." ބޯލާ ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީން ކޮވިޑް-19 އަށް އުފައްދާ ވެކްސިން، ފޯރުކޮށްދިނުމުގެ މަސައްކަތާއި ހަވާލުވެފައިވާ އެސްޓްރާޒެނެކާ ނަމަކަށް ކިޔާ ކުންފުނީގެ ވެރިޔާ ޕަސްކަލް ސޮރިޓް ވެސް ވިދާޅުވީ މިއަހަރު ނިމެން ވާއިރަށް ވަރަށް ގިނަ ކުންފުނިތަކުން ވެކްސިން އުފެއްދުމުގައި ބޮޑެތި ކުރިއެރުންތައް ހޯދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑަށް އުއްމީދު ކުރެވޭ ގޮތުގައި މިއަހަރު ނިމެން ވާއިރަށް ވަރަށް ގިނަ ކުންފުނިތަކަށް ވެކްސިން އުފެއްދޭވަރު ވާނެ." ސޮރިޓް ވިދާޅުވިއެވެ.

އާއްމު ގޮތެއްގައި ވެކްސިނެއް އުފައްދާ، ޓެސްޓްކޮށް، އަދި ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް އެތައް އަހަރެއް ނަގައެވެ. ނަމަވެސް ކޮވިޑް-19 އާއި އެކު ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާތީ، ވެކްސިން އުފެއްދުމާއި، އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ ހުއްދަތައް ވެސް ކަމާބެހޭ އިދާރާތަކުން ދެމުން އަންނަނީ އާއްމު އުސޫލަށްވުރެ އަވަހަށެވެ.

އޮކްސްފޯޑް ކުންފުނީގެ ވެކްސިން މިއަހަރުގެ ސެޕްޓެމްބަރ މަހު ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ. އޭގެ އިތުރުން ދެން އެންމެ އަވަހަށް ވެކްސިނެއް އުފެއްދިދާނެ ކަމަށް ބެލެވެނީ އެމެރިކާގެ މޮޑާނާ އަށެވެ. މީގެ އިތުރުން ޗައިނާ އިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ވެކްސިން އެއް ވެސް މިއަހަރު ނިމުމުގެ ކުރިން ބޭނުން ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯކިބާ

    އަބަދު މި އޮކްސްފޯޑެއްގެ ވާހަކަ، ބަލަ ވެކްސިން ރޭހުގެ އެންމެ ކުރީގަ އުޅެނީ ޗައިނާ، 5 ވެކްސިނެއް އެބައުފައްދާ، އެވާހަކަވެސް ލިޔެބަލަ.

    17
    1
  2. އަޙްމަދް

    ސިއްޙީ ބިރުވެރިކަން އުފައްދަނީ ވެކްސި ވިއްކަން!