ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ އަނިޔާތަކުގެ ސަބަބުން މަރުވި މައްސަލަ ހޫނުވެ، އޭނާ އަށް އިންސާފު ހޯދުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތައް އެމެރިކާގެ ހުރިހާ ސަރަހައްދެއްގައި ފެށި، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ. ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ.

އިއްޔެ ނިއުޔޯކްގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް ފުލުހުންނާއި ކުރިމަތިލާފައެވެ. ނިއުޔޯކްގެ އެކި ސަރަހައްދުތަކުން ފުލުހުންގެ 37 ވެހިކަލަކަށް ގެއްލުން ދީފައިވެއެވެ. ނިއުޔޯކްގެ ފުލުހުންގެ ވެހިކަލްތަކަށް ގެއްލުން ދިން މައްސަލައެއްގައި ދެ އަންހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

ޗިކާގޯގައި ވެސް ދަނީ ވަރަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. ޗިކާގޯގެ މަގުތައް މައްޗަށް އިއްޔެ ވެސް 3000 އަށް ވުރެ ގިނަ މީހުން ނިކުމެ ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ. އަދި ފުލުހުންނާއި ކުރިމަތިލައި، ފުލުހުންނަށް ހަމަލާ ދޭން މަސައްކަތް ކޮށްފައި ވެއެވެ. ޗިކާގޯ އިން މިހާތަނަށް 108 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ހަމަނުޖެހުން ހިނގަމުން ދާއިރު ވެސް ހަމަނުޖެހުން ކޮންޓްރޯލް ކުރަން މޭޔަރުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ސިފައިން ފޮނުވައިގެން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މުޒާހަރާ ކުރަމުންދާ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުންގެ މައްޗަށް ވެސް ދައުވާ އުފުލުމެވެ. ނަމަވެސް އަދި މިހާތަނަށް ދައުވާ އުފުލާފައި ވަނީ އެންމެ ފުލުހެއްގެ މައްޗަށެވެ. ފްލޮއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.