ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު އެގައުމުން 9,268 މީހަކު ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 405,843 އަށް އަރާފައެވެ. އިއްޔެ އެގައުމުން ބައްޔަށް ފައްސިވެފައިވަނީ 8,952 މީހުންނެވެ.

ރަޝިއާގައި ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ ކޮންޓްރޯލް ވުމެއް ނެތި ގިނަ ބަޔަކަށް މި މަހުގެ ތެރޭގައި ވަނީ ބަލި ޖެހިފައެވެ. އެގޮތުން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާއި ހަމައަށެވެ.

މި 7 ދުވަހަށް އެކަނިވެސް އެގައުމުން 83,079 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެގައުމުން މި ބަލި ފެނުނުތާ މިހާރު 2 މަސް ވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރު 138 މީހަކު މަރުވެ ޖުމްލަ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4,693 އަށް އަރާފައެވެ.

ރަޝިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 171,883 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ސީރިއަސް ވެގެން 2,300 މީހަކަށް އެގައުމުގައި ފަރުވާދެމުން ދެއެވެ.

ރަޝިއާއަކީ މުޅި ދުނިޔެއަށް ބަލާއިރު، 3 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ބްރެޒިލްއިނެވެ. އެގައުމުން ފައްސިވި މީހުންގެ އަދަދު މިހާރު 5 ލައްކައަކާއި ކައިރި ކުރެއެވެ.

ރަޝިއާ ހިމެނޭހެން ދުނިޔޭގެ 210 ގައުމަކާއި، ސަރަހައްދަކުން މިހާތަނަށް ކޮވިޑް-19 ވަނީ ފެނިފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 6.1 މިލިއަނަށްވުރެ މަތީގައި އުޅޭއިރު، މަރުވި މީހުންގެ އަދަދު ވަނީ 3 ލައްކައަކަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު