ސްޕެއިންގެ ކޯޑޯބާ ސިޓީގައި ގަވާދާއި ހިލާފަށް ބޭއްވި ޕާޓީ އަކަށް ފަހުގައި ބެލްޖިއަމްގެ އަމީރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މި މަހުގެ 26 ވަނަ ދުވަހު ސްޕެއިންގައި މި ޕާޓީ އޮތްއިރު އެ ގައުމުގައި ވައިރަހުގެ ހާލަތު އޮތްގޮތުން ޕާޓީތައް ބޭއްވުން ވަނީ މަނާވެސް ކޮށްފައެވެ. އަދި އާއްމުން އެއްވާ ތަންތަނުގައި 15 މީހުންނަށް ވުރެން ގިނަ މީހުން ތިބުން މަނާއިރު، މި ޕާޓީ އަށް ޖުމްލަ 27 މީހަކު ވަނީ ގޮސްފައެވެ.

އުމުރުން 28 އަހަރުގެ އަމީރު، ޖޯކިމް ފައްސިވެފައިވާކަން ބެލްޖިއަމްގެ ޝާހީ ގަނޑުވަރުގެ ސްޕޯކްސްޕާސަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ބެލްޖިއަމްގެ ވެރިކަމުގައި މިވަގުތު ހުންނެވި ރަސްގެފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމުގައިވާ ޖޯކިމް އަކީ އެ ގައުމުގެ ވެރިކަމާއި ހަވާލުވާން 10 ވަނާގައި އޮތް ބޭފުޅާއެވެ.

ސްޕެއިންގެ އިދާރާތަކުން ގައިދުރުކުރުމުގެ މިންގަނޑުތަކާއި ޙިލާފަށް ކި ޕާޓީ ބޭއްވުމުން އެކަން ތަހުގީގު ކުރަން ފަށާފައި ވާއިރު، ޕާޓީ އަށް ދިޔަ ކޮންމެ މީހަކު 600 ޔޫރޯ އާއި 10،000 ޔޫރޯ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ބެލްޖިއަމްގެ ރިޕޯޓުތައް ބުނާގޮތުން ޖޯކިމް ސްޕެއިން އަށް ގޮސްފައި ވަނީ އިންޓާންޝިޕް އަކަށް މި މަހުގެ 24 ވަނަ ދުވަހު ކަމަށާއި އަދި އެ އަމީރު އަދިވެސް ހުންނެވީ ސްޕެއިންގައި ކަމަށެވެ. މިހާރު އަމީރު ކަރަންޓީނު ކޮށް އަންނަނީ ފަރުވާ ދެމުންނެވެ.