އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ކަޅު ނަސްލުގެ މީހަކަށް ފުލުހުން އަނިޔާކުރުމުން، އޭނާ މަރުވި ހާދިސާ އާއި ގުޅިގެން، އެކަން ކުށްވެރިކޮށް ލަންޑަނުގައި ވެސް މުޒާހަރާތައް ފަށައިފިއެވެ.

ލަންޑަނުގައި ގިނަ އަދަދެއްގެ ބަޔަކު، އެމެރިކާގައި މިހާރު ކުރިޔަށްދާ މުޒާހަރާގެ ބައިވެރިންނާއި އެކު ތިބިކަން ހާމަކޮށްދީ ކުރިޔަށްގެންދާ މި މުޒާހަރާގައި ބައިވެރިވަމުން ދަނީ ފްލޮއިޑްއަށް އިންސާފު ހޯދައިދިނުމަށާއި، ނަސްލީ ތަފާތުކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

ލަންޑަނުގައި ކުރިޔަށްދާ މި މިޒާހަރާތައްވެސް ހޫނުވެ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ކުރިމަތިލުންތައް ހިނގަމުންދާއިރު، މިހާތަނަށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެ، ލަންޑަން ހިމެނޭހެން އެޤައުމުގެ އެކި ސަރަޙައްދުތައް ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ލަންޑަނުގައި ގިނަ ބަޔަކު މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުން މިދަނީ ފުރަބަންދުގެ އުސޫލުތަކާއިވެސް ޚިލާފަށެވެ.

ނަމަވެސް މި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވަމުން ދާތީ، ސަލާމަތީ ބާރުތަކަށް ވަނީ މުޒާހަރާ ކޮންޓްރޯލްނުވެ ގިނައިރުތަކެއް ވެފައެވެ.

ނޫސްތައް ބުނާގޮތުން ލަންޑަނުގައި، ފްލޮއިޑްގެ މަރުގެ މައްސަލަ އާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބޮޑެތި އެއްވުންތައް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މުޒާހަރާތައް އިންތިޒާމްކުރަމުންދާ ކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެއެވެ.

އެމެރިކާގައި ފެށިގެން އައި މި މުޒާހަރާ ހޫނުވެފައި ވަނީ މީގެ ހަފްތާއެއްހައި ދުވަސް ކުރިންނެވެ. ފްލޮއިޑްގެ މަރާއި ގުޅިގެން އޭނާއަށް އިންސާފު ހޯދައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމުން ފެށި މި މުޒާހަރާތައް އެމެރިކާގެ އެކި ސްޓޭޓްތަކުގައި މިހާރު ދަނީ ކުރަމުންނެވެ.

މިގޮތުން މުޒާހަރާތައް ހޫނުވެ ބައެއް ސަރަޙައްދުތަކުގައި ކާފިއުވެސް ވަނީ އިއުލާނުކޮށްފައެވެ. މިހާތަނަށް މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ އާންމުންނާއި ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނަށް އަނިޔާވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިންނި

    ފަލަސްތީން އަޅުވެތިކުރުވި އިނގިރޭސިވިލާތަށް އަދި އިޒްރޭލަށް ވާގިވެރިވާ އެމެރިކާއަށް ގެއްލުމާއި ހަލާކުހުރި

    12
  2. ނާސިރު

    މިރާއްޖޭގައި ތިގޮތަށް ތަފާތުކުރުމުގެ ސަބަބުން ދެންއެންމެ އަވަހަށް މަގުތަކަށް ނިކުންނާނީ ފްލެޓްލިބުން މީހުން ބާކީކޮށް ހިތަށްއެރިގޮތަކަށް ފްލެޓްތައް ބަހާލާދުވަސް. މިސާލަކަށް ޓީޗަރުންނަށް ނަރުހުންނަށް ދީފައިވާ ފްލެޓް އަތުލެވޭނެ އެއްވެސް ހަމައެއްނޯންނާނެ. ތަފާތުކުރުން ދުނިޔެއިން ނައްތާލަންޖެހޭ.

  3. ނާސިރު

    މިގޮތަށް ދެން އެންމެ އަވަހަށް މަގުތަކަށް މީހުން ނިކުންނާނީ ފްލެޓްލިބުނު މީހުން ބާކީކޮށް ހިތަށްއެރިގޮތަކަށް ފްލެޓްތަށް ބަހާލާދުވަސް. ބަލަންތިބޭ. މަރަށްވެސް މުޒާހަރާކުރާނެ.