ނ. މަނަދޫގައި އިއުލާނުކޮށްފައިވަ ކަރަންޓީނުގެ ހާލަތު އުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނަދޫގައި އިއުލާނުކޮށްފައި އޮތް ކަރަންޓީނުގެ ހާލަތު އުވާލާފައި މިވަނީ، އެރަށުގައި މި ހާލަތު އިއުލާނުކޮށްފައިވާތާ އެއްމަސް ދުވަސް ފަހުންނެވެ.

މިކަން ހާމަކޮށް އެޗްޕީއޭ އިން މަނަދޫ ކައުންސިލަށް ފޮނުއްވި ލިޔުމުގައި ވަނީ، މޮނީޓަރިންގ އުވާލުމަށް ނިންމާފައި ވަނީ، "ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަމްބަރު 7/2012 (ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން، ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން" ކަމަށެވެ.

އެރަށުގެ މޮނީޓަރިން ހާލަތު އުވާލާފައި ވަނީ މިރޭ 1:05 ގައި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭގެ ލިއުމުގައި ވަނީ، މަނަދޫގައި އިއުލާނުކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލުމާއެކު، މި ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ނ. މަނަދޫގެ އިތުރުން މީގެ ކުރިން އެއަތޮޅުގެ ވެލިދޫ އާއި ކެނދިކުޅުދޫ އާއި މާފަރާއި ހޮޅުދޫވެސް މޮނީޓަރިން ހާލަތަށް ގެންގޮސްފައި ވެއެވެ.

މަނަދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފައި ވަނީ އެރަށުން ކޮވިޑް-19 ފެނުމުންނެވެ. އެރަށުން ޖުމްލަ ދިހަ މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އެރަށުން ފައްސިވި އުމުރުން ދުވަސްވީ އަންހެންމީހާ ވަނީ ބަލިން ރަނގަޅުވި ފަހުން ނިޔާވެފައެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ހާލު ދެރަވެގެން މަނަދޫ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި ފަހުންނެވެ.