ކުށަކާނުލައި ފަލަސްތީނަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޒުވާނެއްގެ ގަޔަށް އިސްރާއިލް ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ހާދިސާ އާއި ގުޅިގެން އިސްރާއިލް އިން މަޢާފަށް އެދިއްޖެއެވެ.

އިސްރާއިލް ސިފައިން އެ ޒުވާނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު، ޤުދުސްގައެވެ. އިސްރާއިލް ސިފައިން އޭނާއަށް ހަމަލާދީފައި ވަނީ، އޭނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް "ހީކުރެވިގެން" ކަމަށް އެޤައުމުގެ އޮފިޝަލުން ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މި ހާދިސާ އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅުކޮށް، އިސްރާއިލް ސިފައިންގެ އަމަލު ކުށްވެރިކުރަން ފެށުމުން މިއަދު އިސްރާއިލްގެ ޑިފެންސް މިނިސްޓަރ ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. އަދި ޝަހީދުކޮށްލި ޒުވާނާގެ އާއިލާއަށް އޭނާ ވަނީ ތައުޒިޔާ ކިޔާފައެވެ.

"ޒުވާނާގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލެވުނީތީ މަޢާފަށް އެދެން. މި ދަނޑިވަޅުގައި އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި އަޅުގަނޑުމެންވެސް ބައިވެރިވަން. މި ހާދިސާ ހިނގައި ދިޔަގޮތް ތަހުޤީޤު ކުރާނެކަމުގެ ޔަޤީންކަން މި ފުރުސަތުގައި އަރުވަން،" އިސްރާއިލްގެ ޑިފެންސް މިނިސްޓަރ ބުނެފައި ވެއެވެ.

ހޮނިހިރު ދުވަހު އިސްރާއިލް ސިފައިންގެ ހަމަލާގައި ޝަހީދުވި ޒުވާނާގެ އާއިލާއިން ނޫސްތަކުގައި ބުނެފައިވަނީ، އޭނާއަކީ ސިކުނޑީގެ އުނިކަމެއް ލިބިފައިވާ މީހެއް ކަމަށެވެ. އަދި ހަމަލާ ދީފައިވަނި އޭނާ ސްކޫލަށް ދިޔަ ވަގުތު ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ.

އިސްރާއިލް ސިފައިންގެ ވަކިތަކުގެ ދަށުވެ ފަލަސްތީނުގެ ކުށެއްނެތް ޒުވާނަކު ޝަހީދުވެފައި ވާއިރު، މީގެ ކުރިންވެސް އިސްރާއިލް ސިފައިން މިފަދަ ލާއިންސާނީ ގިނަ އަމަލުތައް ހިންގާފައި ވެއެވެ.

ފަލަސްތީނުގެ ޤުދުސް އަށް އަތްގަދަކޮށް، އެއީ ޔަހޫދީންގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައެޅިފަހުން އިސްރާއިލް ސިފައިން އޮންނަނީ އެ ސަރަޙައްދަށް ފަލަސްތީނު މީހުންނަށް ވަދެއުޅުންވެސް ކޮންޓްރޯލް ކޮށްފައެވެ. އަދި ޤުދުސްގައި ކުރިން ދިރިއުޅުނު މީހުން، އެމީހުންގެ ގެދޮރާއި ވަޒަނުން ނެރެ ފައްސާލާފައި ވާއިރު، މިހާރު އެ ސަރަޙައްދުގައި ޔަހޫދީން ދަނީ ވަޒަންވެރި ވަމުންނެވެ.

މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާވެސް ހުންނަ ޤުދުސް އަށް އިސްރާއިލް އިން ވެރިވެގަތް ފަހުން، އެ މިސްކިތަށްދާ މުސްލިމުންނަށްވެސް ތަފާތު އެކު ދުއްތުރާކޮށް އަނިޔާދެމުން ދެއެވެ. މިގޮތުން މިސްކިތްތެރެޔަށް ހަތިޔާރާއިއެކު ސިފައިން ވަދެ، ލޭއޮހޮރުވުން ހިންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުޢާ

    މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން..އީސްރާއީލައް މިސައިލްތަކުގެ ވާރޭއޮއްސާވަރުގެ ހަނގުރާމައެއްކުރިމަތި ކުރައްވާންދޭވެ..އީރާން ގެ ޑައިރެކްޓް ހަނގުރާމަ އެއްތިމީހުންނާ ކުރިމަތި ކުރައްވާންދޭވެ.