އެމެރިކާގެ ރިޔާސީ ގަނޑުވަރު ކައިރިޔަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ މުޒާހަރާ ކުރަމުންދާތީ ރައްކާތެރި ކަމަށްޓަކައި އެޤައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބިމުއަޑީގެ ބަންކަރަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ވައިޓް ހައުސްގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ޓްރަމްޕް މި ބަންކަރަށް ގެންގޮސްފައިވަނީ ވަނީ މަދު ވަގުތުކޮޅަކަށެވެ. މި ބަންކަރަކީ ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެ ނަމަ ސީދާ ވައިޓް ހައުސް ތެރެއިން ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ބަންކަރެކެވެ.

ޓްރަމްޕް ބަންކަރަށް ގެންދިޔައިރު އޭނާގެ އަންހެނުން މެލާނިއާ ޓްރަމްޕް އަރިހުގައި ގެންދިޔަކަމެއް ނޭނގެއެވެ. ނަމަވެސް ވައިޓް ހައުސް އަކީ ޓްރަމްޕް އާއި އޭނާގެ އާއިލާ ދިރިއުޅޭ ގަނޑުވަރުވެސް މެއެވެ.

އެމެރިކާގެ ފުލުހުން ކަޅުނަސްލުގެ މީހަކު، އިހާނެތި ގޮތަކަށް މަރާލުމާއި ގުޅިގެން ފެށުނު މުޒާހަރާތައް ހޫނުވެ އެޤައުމުގެ އެކި ސަރަޙައްދުތަކަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެއްވަމުންނެވެ. އެގޮތުން ވޮޝިންޓަންގައި ވައިޓް ހައުސް ހުންނަ ސަރަޙައްދުގެ ބޭރުން ޖަހާފައިވާ ބެރިކޭޑްތައް ފޫއަޅުވާލުމަށްފަހު މުޒާހަރާގެ ބައިވެރިން ވަނީ ވައިޓް ހައުސް ކައިރިޔަށް އެއްވެ އެ ގަނޑުވަރަށް ވަންނަން މަސައްކަތް ކޮށްފައެވެ.

މިކަމާއި ގުޅިގެން، މުޒާހަރާ ހުއްޓުވުމަށް ވައިޓް ހައުސް އާއި އެމެރިކާ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގެ އޮފިޝަލުންނަށް ޓްރަމްޕް އަމުރުކޮށްފައި ވާއިރު، ސިފައިންނާއި ފުލުހުން ކުރި މަސައްކަތުންވެސް އެ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ޓްރަމްޕް ވަނީ ފަހުން މުޒާހަރާގެ ބައިވެރިންނަށް އިންޒާރުވެސް ދީފައެވެ.

އެގޮތުން ވައިޓް ހައުސް ހިމެނޭ ސަރަޙައްދަށް އެތެރެވެއްޖެ ނަމަ ކުއްތާތަކެއް ފޮނުވައިގެން އެފަރާތްތަކަށް ހަމަލާދޭން ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ވަނީ އިތުރަށް ރުޅިގަދަވެފައެވެ.

ފަހުގެ ތާރީޚެއްގައި ވެސް އެމެރިކާގައި ކުރިޔަށް ގެންގޮސްފައި ނުވާ ވަރުގެ މި މުޒާހަރާ އާއި ގުޅިގެން ވައިޓް ހައުސްގެ މުވައްޒަފުން ގޭގައި މަޑުކުރުމަށްވެސް ވަނީ އަންގާފައެވެ. އަދި އެ މުވައްޒަފުން ވައިޓް ހައުސް ހިމެނޭ ސަރަޙައްދަށް ނުދިޔުމަށްވެސް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މުޒާހަރާގެ ބައިވެރިން ވައިޓް ހައުސް ކައިރިޔަށް އެއްވެ ނުރުހުން ފާޅުކުރަމުން ދާއިރު، މީގެ ދެ ދުވަސް ކުރިންވެސް އެ ސަރަޙައްދަށް ގިނަ ބަޔަކު ޖަމާވެފައި ވެއެވެ. އެދުވަހު ވައިޓް ހައުސް ވަނީ ލޮކްޑައުން ހާލަތަށް ގެނެސްފައެވެ.

ވައިޓް ހައުސް އަކީ އެމެރިކާ އާއި އަދި މުޅި ދުނިޔެއިން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެންމެ ވަރުގަދަކޮށްފައިވާ އެއް ގަނޑުވަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޑިމޮކްރަސީ ފުރިހަމަ ވެފަ.
    އަދިވެސް އިސްލާމީ ގައުމުތަކަށް އާދޭ ހައްގުތައް ކިޔާ ދޭން، މުޖުރިމުންނާ ކުއްތާ އިންގެ ހައްގުތައް ކަލޭމެނަށް އެނގޭނީ

    60
  2. Anonymous

    ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ.
    ބަންކަރުގައިވިޔަސް އެކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާނެއޭވެ.

    78
    1
  3. ޖިންނި

    ވެރިކަމުގައި ހުރީ ބުރާންޗެއް. މިރާއްޖޭގައި ވެސް އުޅޭނެ އޭގެ އެއްޗެއް.

    47
    1
    • ބިމުދާއްބަ

      ވެރިކަމުގައި އެކަންޏެއް ނޫން. އެގައުމުގެ ރައްޔިތުންނަކީވެސް ޖާހިލިއްޔަ ބުރާންތީން. ހީކުރާނެ ދުނިޔޭގެ އެންމެ ތަހުޒީބު ބަޔަކީ ތިމަންމެންނޭ. އެކަމަކު ރޭސިޒަމް އިންތިހާ. ގަމާރުކަންވެސް އިންތިހާ. އެމެރިކާގެ ގިނަ މީހުންނަކަށް ނޭނގޭ އެންމެ ކުޑަމިނުން ދުނިޔޭގެ ޗާޓުން އެމެރިކާވެސް ދައްކާލަން. ދަރިންވެސް 18 އަހަރު ވުމާއެކު ގެއިން ބޭރުކޮށްލަނީ. ޓެކްސް ނެގުމުން ހައްދުފަހަނައަޅައިގޮސް ސީދާ ރިބާގެ މުއާމަލާތް. ޓްރަމްޕްއާއި ޖެހިގެން ހުރި ޑިމޮކްރަޓިކް ކެޑިޑޭޓް ޖޯ ބިޑެން އަކީވެސް ހަމަ ޓްރަމްޕްއެއް. އަމިއްޔަ ކާފަދަރީގެ ތުންފަތުގައި ބޮސްމިދެނީ. ރާއްޖެވެސް މިސަރުކާރުގައި މިދަނީ އެދިމާލަށް.

  4. ދޯ

    ސަރުކާރު ދަވާލައިފި ރަނގަޅަށް ވެސް

  5. ނުނނު

    މިރާއްޖޭގެ ޖަލުގަ އެބައޮތް ބޮޑު ވަގެއް ؟؟؟

    6
    11
  6. ހައްހައްހާ

    ކިތަންމެ ރުޅިއަޔަސް ސަރުކާރު ދަވާލައިފި

  7. mi

    އާޓިކަލްއާ ނުގުޅޭ ކޮމެންޓް ނުކޮއްބަލަ