އެމެރިކާ ފުލުހުން އަނިޔާވެރި ގޮތަކަށް މަރާލި ކަޅު ނަސްލުގެ ޒުވާނާ، ޖޯޖް ފްލޮއިޑްގެ ހަށިގަނޑު ރަސްމީ އިއްޒަތުގައި އޭނާގެ އާއިލާ އާއި ހަވާލުކުރުމަށް، ޓެކްސަސްގެ ސިޓީއެއް ކަމަށްވާ ހިއުސްޓަން ފުލުހުންގެ ވެރިޔާ ހުށަހަޅައިފިއެވެ.

ހިއުސްޓަން ފުލުހުންގެ އިދާރާ ހިންގުމާއި ހަވާލުވެ ހުންނަ އާޓް އަސެވޭޑޯ ނޫސްތަކުގައި މިކަން ހާމަކޮށް ބުނެފައިވަނީ، އޭނާގެ ޑިޕާޓްމެންޓުން ފްލޮއިޑްގެ ހަށިގަނޑު ރަސްމީ އިއްޒަތުގައި އާއިލާއަށް ރައްދުކޮށްދިނުމަށް ބޭނުންވާ ކަމަށާއި، އެގޮތަށް އެކަން ކުރުމަށް ބޭނުންވަނީ އާއިލާއާއެކު އެ ޑިޕާޓްމެންޓުގެ ފުލުހުން ތިބިކަން ހާމަކޮށްދިނުމަށް ކަމަށެވެ.

ފްލޮއިޑްގެ ހަށިގަނޑު އަދި އޮތީ، އޭނާ މަރުވި މިނެސޯޓާ ސްޓޭޓުގެ މޯޗަރީއެއްގައެވެ. އޭނާގެ މަރާއި ގުޅިގެން ތަހުޤީޤެއް ކުރިޔަށްދާތީ އަދި އޭނާގެ ހަށިގަނޑު އާއިލާ އާއި ޙަވާލުކޮށްފައެއް ނުވެއެވެ.

ފްލޮއިޑް އަކީ ހިއުސްޓަންއަށް ނިސްބަތްވާ މީހެކެވެ. ހިއުސްޓަންގެ ފުލުހުން އޭނާގެ ހަށިގަނޑާއި ހަވާލުވެ އާއިލާއަށް ރަށްދުކޮށްދިނުމަށް ބޭނުންވަނީ މި ސަބަބަށްޓަކައި ކަމަށް އަސެވޭޑޯ ބުނެފައި ވެއެވެ.

"އަޅުގަނޑުމެން އެންމެންވެސް، އަދި މި ސިޓީގެ ގިނަ ބަޔަކަށްވެސް ފްލޮއިޑް އެނގޭނެ. އަޅުގަނޑުމެން މިކަމުގައި އިސް ނަގަން ބޭނުންވީ އާއިލާއާއި އެކު ތިބިކަން ހާމަކޮށްދިޮނުމަށް. މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކަމަކީ މިއީ،" އަސެވޭޑޯ ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ މި ދަނޑިވަޅުގައި ފްލޮއިޑްގެ އާއިލާއަށް ރައްކާތެރިކަން ދިނުމަށް ހިއުސްޓަން ފުލުހުން ތިބީ ތައްޔާރަށް ކަމަށާއި، އެ އާއިލާއަށް ދިމާވެފައިވާ ހިތްދަތިކަމުގައި ސިޓީގެ ހުރިހާ ފުލުހުން ބައިވެރިވާނެ ކަމަށެވެ.

އަސެވޭޑޯ ވަނީ މިނެސޯޓާގެ މީނިއާޕޮލިސް ގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބި ފްލޮއިޑް މަރުވި ހާދިސާ އާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ފުލުހުންގެ އެ އަމަލު ކުށްވެރިކޮށް އޭނާ ބުނެފައިވަނީ، ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި ބައެއް ފުލުހުން ފުލުހުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ ގިނަ ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތައް ކުރިޔަށް ދެއެވެ. މި މުޒާހަރާތައް ހޫނުވެ، 40 އަށްވުރެ ގިނަ ސިޓީ އެއް މިހާރު ކާފިއުގެ ހާލަތަށް ވެސް ވަނީ ގެންގޮސްފައެވެ.

ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެ އަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލާފައެވެ.

މިހާތަނަށް ދައުވާ އުފުލާފައި ވަނީ އެއިން އެންމެ ފުލުހަކަށެވެ. ނަމަވެސް އޭނާއަށް އުފުލާފައި ވަނީ އޭނާ ހިންގި ޖަރީމާ އާއި އެއްވަރުގެ ދަޢުވާއެއް ނޫން ކަމަށް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ހާދިސާ ހިނގި ވަގުތު ހަރަކާތްތެރިވި ހުރިހާ ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.