ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާ އިން މަރުވެފައި ވަނީ 638 މީހުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ އަކީ ފާއިތުވި ހަދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ. އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 20350 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން މިހާތަނަށް 1,837,170 މީހުންނަށް ކޮވިޑް-19 ޖެހި 106,195 މީހުން ވަނީ މަރުވެފައެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވީ 599,867 މީހުންނެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ފުރަތަމަ ކޮވިޑް-19 ޖެހިގެން މީހަކު މަރުވި ވޮޝިންޓަންގެ ހާލަތު މިހާރު އަންނަނީ ވަރަށް ބޮޑަށް ރަނގަޅު ވަމުންނެވެ. އިއްޔެ ވޮޝިންޓަނުން އެއްވެސް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެއް ނުވެއެވެ.

އެމެރިކާ ފުލުހުން ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ ކަޅު ނަސްލުގެ މީހަކު މަރާލުމާއި ގުޅިގެން ގިނަ ސްޓޭޓްތަކެއްގައި މިހާރު ވަރުގަދަ މުޒާހަރާތައް ދަނީ ކުރަމުންނެވެ. މި މުޒާހަރާތައް ކުރަމުން މިދަނީ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތައް ދެމުން ދަނިކޮށެވެ. މުޒާހަރާތަކުގެ ސަބަބުން ކޮވިޑް-19 އިތުރަށް ފެތުރިގެން ދިއުމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

އެމެރިކާގެ ސްކޫލްތައް ހުޅުވާލަން މިހާރު ތައްޔާރުވަމުން ދިޔަ ނަމަވެސް ގިނަ ބެލެނިވެރިން ގެންދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު