ކޮވިޑް-19 ވައިރަސްގެ ބާރު މިހާރު އަންނަނީ ދެރަވެ، ބަލިކަށިވަމުން ކަމަށް އިޓަލީވިލާތުގެ އެންމެ ތަޖުރިބާކާރު އެއް ޑޮކްޓަރު ވިދާޅުވެއްޖެއެވެ.

އިޓަލީވިލާތުގެ އެންމެ ތަޖުރިބާކާރު ސީނިއާ ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ އަލްބާޓޯ ޒަންގްރިލޯ "ރޮއިޓާސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިޓަލީވިލާތުގެ ހާލަތައް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު ވައިރަސްގެ ބާރު ދެރަވަމުން އަންނަ ކަން ކަށަވަރު ކުރެވޭ ކަމަށެވެ. އަލްބާޓޯ އަކީ އިޓަލީގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިގެން ދިޔަ ލޮމްބާޑީ ސަރަހައްދުގެ ސަން ރަފޭލް ހޮސްޕިޓަލްގެ އެންމެ އިސް ޑޮކްޓަރެވެ.

"ފާއިތުވި 10 ދުވަހުގެ ހާލަތައް ބަލާފައި ބުނެވޭނީ ވައިރަސްގެ ބާރު އަންނަނީ ބަލިކަށި ވަމުން ކަމަށް. ބަލި ޖެހިފައި ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނާއި ހަމައަށް ބަލި އުފުލުން މަދުވެއްޖެ. ބަލި ޖެހޭ މީހަކާއި ބައްދަލުވާ މީހުންނަށް ބަލި ޖެހުން މަދުވެއްޖެ." އަލްބާޓޯ ވިދާޅުވިއެވެ.

އިޓަލީވިލާތުގެ ތަޖުރިބާކާރު އެހެން ޑޮކްޓަރެއް ކަމަށްވާ މަޓާއޯ ބަސެޓީ ވެސް ވަނީ މީގެ ދެމަސް ދުވަސް ކުރިއާއި އަޅައި ބަލާއިރު ވައިރަސްގެ ބާރު ދެރަވެފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އިޓަލީވިލާތް ފުރަބަންދު ކުރީ ފެބްރުއަރީ މަހުއެވެ. އެގައުމުގެ ހާލަތު ރަނގަޅު ވާން ފެށީ، މެއި މަސް ފެށުނު ފަހުންނެވެ. މިހާރު އިޓަލީވިލާތުން ވަނީ ފުރަބަންދަށް ލުއިތައް ދޭން ފަށާފައެވެ.

ނަމަވެސް އިޓަލީވިލާތުގެ ސަރުކާރުން ބުނެފައި ވަނީ ކޮވިޑް-19 ގެ މައްޗަށް ކާމިޔާބު ހޯދިއްޖެކަން އިއުލާން ކުރަން އަދި މާއަވަސް ކަމަށެވެ. "އެއްވެސް ސައިންސްވެރިޔަކު އަދި ނުބުނޭ މިބަލިން އަރައި ގަނެވިއްޖެ ކަމަކަށް. އެހެންކަމުން އަދި ކާމިޔާބީ އިއުލާން ކުރަން މާއަވަސް." އިޓަލީގެ ހެލްތު މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ ޒަންޑްރާ ޒަމްޕާ ވިދާޅުވިއެވެ.

ދުނިޔޭގެ ހާލަތައް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު އަންނަނީ އަދިވެސް އިތުރު ވަމުންނެވެ. ނަމަވެސް އަލަށް ބަލި ޖެހޭ މީހުންނާއި އަޅައި ބަލާއިރު މަރުވާ މީހުންގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުރިކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ނުލިބެނީސް މިހާލަތުން އަރައިގަނެ، ބަލީގެ މައްޗަށް ކާމިޔާބު ހޯދިދާނެ ކަމަކަށް ނުބެލެވެއެވެ. ކޮވިޑް-19 އަށް އެންމެ އަވަހަށް ވެސް ވެކްސިނެއް އުފެއްދޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. محمد

  އަޓަލީތީގޮތެއް ފޮތެއް އޮތްތަނެއް ނޫން މަދިޔައިން ތިޔަ އަޓަލީއައް

  10
  5
  • އިސްލާޙް

   ނޭންގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް، އިނގޭތޯ؟

   3
   1
   • ޒ

    ޢަރަބި ސޮރަކާ ވައްތަރީ ....

    3
    1
 2. ހަސީ

  ބައެއް ގައުމުތަކުން ބަލި ދަނީ ބަލިކަށިވަމުން، އެއީ ޕީކަށް އެރި ގައުމުތަކުން! ނަމަވެސް އަނެއްބައި ގައުމުތަކުގައި މަޑުޖެހުމެއްނެތި ކުރިޔަށް ދަނީ، އޭގެ ތެރޭ މި ކުޑަކުޑަ ދިވެހިރާއްޖެވެސް ހިމެނޭ

  4
  1
 3. އެމަންޖެ

  މިގައުމުންވެސް ބުނާނެ ޕީކައް އަރުވާފަ ބަލިޖެހޭމީހުން މަދުވަމުންނޭދަނީ.