އިންޑިއާ ގޭންގަކުން ސަރުކާރުގެ ރަސްމީ ވެބްސައިޓެއް ނަކަލު ކޮށްގެން މީހުންނަށް އޮޅުވާލަން ފަށައިފިއެވެ.

މި ގޭންގުގެ މީހުން ހަދާފައި ވަނީ ސަރުކާރުން އިއުލާން ކުރާ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ވެބްސައިޓެކެވެ. އެ ވެބްސައިޓު މެދުވެރިކޮށް އެތައް ހާސް ވަޒީފާ އަކަށް އެމީހުން އިއުލާން ކުރި އިރު، އެއިން ކޮންމެ މީހެއް އަތުން ވަނީ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ފައިސާ ނަގާފައެވެ.

ވަޒީފާ އަށް ކުރިމަތިލި އެތައް ހާސް މީހުން އަތުން އެ ގޭންގުން 300-500 ރުޕީސް އާއި ދެމެދުގެ ފައިސާ ނަގާފައި ވާއިރު، އެއިން އެއްވެސް މީހަކަށް ފަހުން ހަބަރެއް ވެފައި ނުވާތީ އެފަރާތްތަކުން ވަނީ ސަރުކާރުގެ އަސްލު ނަމްބަރުތަކަށް ގުޅަން ފަށާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާތައް ނުލިބޭ މި ދަނޑިވަޅުގައި އެހައި ގިނަ އަދަދެއްގެ ވަޒީފާތަކަށް ހުޅުވައިލުމުން ގިނަ ބަޔަކު ވަނީ ކުރިމަތިލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައި މިހާރު ވަނީ ހަތަރު މީހަކު ހައްޔަރުވެސް ކޮށްފައެވެ.

” މިއީ ބޮޑު ގޭންގަކުން ވަރަށް ރަނގަޅަށް ރާވައިގެން ކޮށްފައިވާ ކަމެއް. މިކަން ކުރުމަށް މި މީހުން ބޭނުންކުރި ތަކެތި މިހާރު ވަނީ ހޯދާފަ. ހައްޔަރުގައި ތިބި ހަތަރު މީހުން އަންނަނީ އަހަރެމެންނަށް އެއްބާރުލުން ދެމުން. އަދި ވެބްސައިޓު ހެދި މީހާވެސް ވަނީ ދެނެގަނެވިފަ.“ މައްސަލަ ބަލާ ފުލުސް އޮފިސަރު ވިދާޅުވިއެވެ.

މިހާރު އޮންލައިން މެދުވެރިކޮށް މީހުން ކުރާ ކުށްތައް އިތުރުވަމުން އަންނަކަމުން މިއީ އެންމެންވެސް ސަމާލުވާން ޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު