މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އިންޑިއާގައި ދާދި ފަހުން މިސްކީނުވި ކުއްޖާ އަށް ބޮލީވުޑްގެ ތަރި ޝާހްރުކު ޙާން އެހީވާން ފަށައިފިއެވެ.

މިފަހުން ވައިރަލް ވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ގައުމުގެ ބީހާރުގެ ރެއިލްވޭ ސްޓޭޝަނެއްގައި ތުއްތު ކުއްޖާގެ މަންމަ މަރުވުމާއި އެކު އެ ކުއްޖާ ވަނީ މެދެކެނޑުމެއް ނެތި އެ ކުއްޖާގެ މަންމަ ހޭ އަރުވަން މަސައްކަތް ކޮށްފައެވެ. ވީޑިއޯ އިން ފެންނަ ފެނުމުން އެ ކުއްޖާ އަށް އޭނާގެ މަންމަ މަރުވެފައިވާ ކަމެއް ނުވެސް އެނގެއެވެ.

އެ ކުއްޖާގެ މަންމަ އޭގެ ކުރީ ރޭ ނިދީ ރެއިލްވޭ ސްޓޭޝަންގައެވެ. އަދި ހެނދުނު އިރު އެރި އިރުވެސް ހޭލާފައެއް ނުވެއެވެ.

ޙާންގެ މީރު ފައުންޑޭޝަނުން ހާމަ ކޮށްފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ހުރީ އޭނާގެ ކާފަގެ ބެލުމުގެ ދަށުގައި ކަމަށާއި ކުއްޖާގެ ހާލަތު އެ ފައުންޑޭޝަނުގެ ސަމާލުކަމަށް ގެނެސްދިން ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ކުއްޖާ އަށް ބޭނުންވާނެ ކަންކަން އެ ފައުންޑޭޝަނުގެ ޙަރަދުގައި މިހާރު ވަނީ ކޮށްދޭން ފަށާފައެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުގެ އެތައް ފައުންޑޭޝަނެއް އޮންނަ އިރު، އެ ފައުންޑޭޝަން ތަކުން އަންނަނީ ކޮވިޑް-19ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާނެ ކިޓް ފަދަ ތަކެތިވެސް ފޯރު ކޮށްދެމުންކަން ފާހަގަކޮށްލެވެއެވެ.