އެމެރިކާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލުމަށް ނިންމި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް މިގޮތަށް ވިދާޅުވެފައި ވަނީ، އެމެރިކާއިން ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލުމާއެކު އެޤައުމުން އެ ޖަމިއްޔާއަށް ފޯރުކޮށްދެމުންދާ އެހީތައް ހުއްޓާލިކަން ޓްރަމްޕް އިއުލާނުކޮށްފައި ވަނިކޮށެވެ.

ޓެޑްރޯސް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ މަސައްކަތްތައް ކުރިޔަށް ދަނީ އެމެރިކާގެ ވެސް ބޮޑު އެއްބާރުލުމަކާއި އެކު ކަމަށް ވާއިރު، އެޤައުމުން ގުޅުން ކަނޑާލައިފިނަމަ އެކަމުގެ ހީނަރުކަން މުޅި ޖަމިއްޔާއަށް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން އެތައް ޒަމާނެއް ވެފައިވާ މި ގުޅުން އެމެރިކާއިން ދަމަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އާއި ގުޅުން ކަނޑާލިކަން ހާމަކޮށް ޓްރަމްޕް ކުރިން ބުނެފައި ވަނީ، ޑަބްލިއުއެޗްއޯ އަށް މިހާތަނަށް އެމެރިކާ އިން ދެމުން އައި ފަންޑް ދެން ފޯރުކޮށްދޭނީ "ޗައިނާ އިން ބުނާހާ ގޮތެއް ނުހަދާ ޖަމިއްޔާތަކަށް" ކަމަށެވެ.

ޓްރަމްޕް ބުނެފައި ވަނީ، ކޮވިޑް-19 އެމެރިކާ އާއި އަދި ދުނިޔޭގައި ވެސް ބޮޑަށް ފެތުރިގެން ދިޔައީ ޑަބްލިއުއެޗްއޯ އިން އެކަށީގެންވާ އަވަސް މިނެއްގައި ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ.