ކޮވިޑް-19 ޖެހިގެން ސްޕެއިން އިން އިއްޔެ މީހަކު މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިނުވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

މިއީ މިދިޔަ މާރިޗު މަހުން ފެށިގެން ސްޕެއިން އިން މި ބަލީގައި މީހަކު މަރުވެގެން ރިޕޯޓްކޮށްފައިނުވާ ފުރަތަމަ ފަހަރެވެ.

ނޫސްތައް ބުނާގޮތުން ސްޕެއިން އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މާރިޗު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެޤައުމުން މި ބަލީގައި ބަޔަކު މަރުވެގެން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ އެމަހުގެ 13 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ސްޕެއިން އިން މި ބަލީގައި 47 މީހަކު މަރުވެފައި ވެއެވެ.

އެހެންކަމުން އިއްޔެ އަކީ ފާއިތުވެދިޔަ ތިން މަހެއްހާ ދުވަހު އެޤައުމުން ކޮވިޑް-19 ޖެހިގެން މީހަކު މަރުނުވާ ފުރަތަމަ ދުވަހެވެ.

ކޮވިޑް-19 ފެތުރެން ފެށި ދުވަސްވަރު މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެންދިޔަ ޤައުމުތަކުގެ ތެރޭގައި ސްޕެއިން ހިމެނެއެވެ.

ދުނިޔެއިން މިހާތަނަށް ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީ ޤައުމެއްގެ ގޮތުގައި މިހާރު ސްޕެއިން އޮތްއިރު، އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު 286,718 އަރައެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި މުޅި އަލަށް ފައްސިވި 209 މީހަކު ހިމެނެއެވެ.

އިއްޔެ ސްޕެއިން އިން މީހަކު މި ބަލީގައި މަރުވެފައި ނުވީނަމަވެސް މިހާތަނަށް އެޤައުމުން ޖުމްލަ 27,127 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުވެފައި ވަނީ ދުނިޔެއިން 6 ވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމަށެވެ.

މީގެ ކުރިއާއި އަޅާބަލާއިރު، ސްޕެއިން އިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެގެން ގޮސްފައެވެ. އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 196,958 މީހަކު ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާރު ސްޕެއިންގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 62,633 މީހަކަށެވެ. އޭގެތެރެއިން 617 މީހެއްގެ ހާލު ސީރިއަށް ކަމަށް އިދާރާތަކުން ބުނެއެވެ.