ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 730 މީހަކު މަރުވެއްޖެއެވެ. އަދި އިއްޔެ އެމެރިކާ އިން ވަނީ 22153 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެއާއި އެކު އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,859,323 އަށް އަރާފައެވެ. އޭގެ ތެރެއިން 106,925 މީހުން މަރުވެފައި ވާއިރު 615,416 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ މެސަޗޫސެޓްސް އިންނެވެ. އެ ސްޓޭޓުން 189 މީހަކު ވަނީ މަރުވެފައެވެ. ދެން އެންމެ ގިނަ މީހުން އިއްޔެ މަރުވީ ނިއުޔޯކުންނެވެ. ނިއުޔޯކުން އިއްޔެ 70 މީހަކު މަރުވިއެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓި، އަދި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވެފައި ވީނަމަވެސް ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހިނގަމުންދާ މުޒާހަރާތަކުގެ ތެރެއިން ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން ގެންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ގާތުން ބައްދަލުވި މީހުން ދެނެގަންނަން ހާއްސަ އެޕްލިކޭޝަންތައް ގިނަ ގައުމުތަކުގައި މިހާރު ބޭނުން ކުރަމުން ގެންދިޔަ ނަމަވެސް އެމެރިކާގެ ނިއުޔޯކްގައި ރަސްމީކޮށް އެފަދަ އެޕްލިކޭޝަނެއް ބޭނުން ކުރަން ފަށާފައި ވަނީ އިއްޔެ އިން ފެށިގެންނެވެ. މިއީ ނިއުޔޯކް އަލުން އާއްމު ހާލަތަކަށް ދާއިރު މުހިއްމު އެޕްލިކޭޝަނަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު