އެމެރިކާގައި ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރާލާފައިވާ ކަމަށް ގިނަބަޔަކު ބުނަމުން އަންނަ އެގައުމުގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ގަސްތުގައި މަރާލައިފައިވާ ކަމަށާއި، އެއީ ގުދުރަތީ މަރެއް ނޫން ކަމަށް މިހާތަނަށް ހޯދި ސިއްހީ ހޯދުންތަކުން ދައްކައިފިއެވެ.

މި މަރާއި ގުޅިގެން އެންމެ ފުރަތަމަ ވެސް ތުހުމަތު ކޮށްފައިވަނީ އޭނާ މަރުވެފައި ވަނީ މޫނުމައްޗަށް ފުލުސްމީހާ އެރުމުގެ ސަބަބުން ނޭވާ ނުލެވިގެން ކަމަށެވެ. އެ މަރާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ސިއްހީ ހޯދުންތެރިން އިއްޔެ ބުނެފައިވާ ގޮތުގައި، އޭނާ ހަގީގަތުގައި މަރުވެފައި ވަނީ ނޭވާހާސްކޮށްލުމުގެ ސަބަބުން ކަމަށެވެ.

މި ހޯދުންތަކުގައި އިސްކޮށް ހަރާކަތްތެރިވަމުން އަންނަ އޮފީހެއް ކަމަށްވާ ހެނެޕިން ކައުންޓީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޑެރިކް ޗެއުއިން ނަމަކަށް ކިޔާ އެމެރިކާގެ ފުލުސް އޮފިސަރު ފްލޮއިޑް ވައްޓާލައި ބާއްވައި އޭނާގެ ކަރަށް ފައިން އެރުމުގެ ސަބަބުން އޭނާ އަށް ނޭވާ ނުލެމަކީ ފްލޮއިޑް މަރުވާން ދިމާވި މައިގަނޑު ސަބަބު ކަމަށެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ފްލޮއިޑަކީ އިތުރު އެއްވެސް ބަލިމަޑުކަމެއްވެސް ހުރި މީހެއް ނޫނެވެ. އެހެން ކަމުން ތެެރެއިން ބައެއްގެ އިހުމާލާއި ނުލައި އޭނާ މަރުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމުގައި އިތުރަށް ހިޔާލު ތަފާތުވުންތަކެއް ހުރީ އޭނާ މަރުވެފައި ވަނީ ކަރަށް ފައިން އެރިގެން ކަމެއް ނުވަތަ ބުރަކަށި މައްޗަށް އަރާތިބި ފުލުހުންގެ އިހުމާލުންކަން ނޭންގުމެވެ. ފްލޮއިޑް މަރުވުމުގެ ކުރިންވެސް އޭނާ އަށް ނޭވާ ނުލެވޭ ކަމަށް ބުނެފައިކަން މިހާތަނަށް ވަނީ އެނގިފައެވެ.

އެމެރިކާގެ ފުލުހުންގެ އިހުމާލުން މިދިޔަ އަހަރުވެސް 1004 މީހަކު މަރުވެފައިވާއިރު ފްލޮއިޑްގެ މަރާއި އެކު ވަނީ އެގައުމުން ގެންގުޅެމުން އަންނަ ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަވެސް އިންތިހާއަށް ހޫނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު