ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގައި ހާއްސަ ފެސިލިޓީއެއް ގާއިމު ކޮށްފިއެވެ.

ދުބާއީގެ ހެލްތް އޮތޯރީޓިން ބުނެފައިވަނީ އަލަށް ގާއިމު ކޮށްފައިވާ އެ ފެސިލިޓީއަކު ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށާއި ޝައްކު ކުރެވޭ މީހުން ބޭތިއްބުމަށް ގާއިމު ކޮށްފައިވާ ފެސިލިޓީއެއް ކަމަށެވެ.

މި ފެސިލިޓީއަކީ ދުބާއީގެ ރަޝިދް ހޮސްޕިޓަލާއި ކައިރީގައި ގާއިމު ކޮށްފައިވާ، 25 ކޮޓަރީގެ ފެސިލިޓީއެކެވެ. އޭގެ ތެރޭގައި އައިސީޔޫ، ފަރުވާދޭ ކޮޓަރީ، ކްލިކް ފަދަ ތަންތަން ހިމެނޭ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.

ދުބާއީގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ހުމެއިދް އަލް ގުތާމީ ބުނެފައިވަނީ އެ ފެސިލީޓީ ގާއިމު ކޮށްފައިވަނީ އެގައުމުން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކަމަށާއި މިކަމުގެ ސަބަބުން އަލާމާތްތައް ފެންނަ މީހުން ބައްޔަށް ފައްސިވުމުގެ ކުރިން ފަރުވާ ދެވޭނެ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން އެކި ގައުމުތަކުގައިވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވައިގެ ދަތުރުފަތުރު ހުއްޓުމާއި އެއް ގައުމުން އަނެއް ގައުމަށް ދެވޭ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ.

ޔޫއޭއީގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 35,192 ކޭސްއެއް ވަނީ ރިޕޯޓް ކޮށްފައެވެ. އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 226 މީހަކު މަރުވެފައިވާއިރު، 18,338 މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅުވެފައެވެ.