ކޮވިޑް-19 ޖެހުމުގެ ސަބަބުން ހަމުގެ ކުލަ ކަޅު ކުލައަށް ބަދަލުވި ޗައިނާގެ ޑޮކްޓަރު ހޫ ވެއިފެންގް މަރުވެއްޖެއެވެ. ޑރ.ހޫ މަރުވެފައި ވަނީ ކޮވިޑް-19 ޖެހުނުތާ ފަސް ވަރަކަށް މަސް ދުވަސް ފަހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑރ.ހޫ އަށް ކޮވިޑް-19 ޖެހުނީ ޖަނަވަރީ މަހު އެވެ. އޭނާ އަށް ވައިރަސްގެ އަސަރު ކުރީ އޭނާ މަސައްކަތް ކުރަމުން ގެންދިޔަ ހޮސްޕިޓަލުންނެވެ. ޑރ.ހޫގެ އިތުރުން ކޮވިޑް-19 ޖެހުނު ޑރ.ލީ ވެއިންލިންގްގެ ހަމުގެ ކުލަ ވެސް ކަޅު ކުލައަށް ބަދަލުވިއެވެ. ޑރ.ލީ މީގެ ހާލަތު ރަނގަޅުވެ، އޭނާގެ ހަމުގެ ކުލަ ވެސް ކުރިން ހުރި ގޮތައް އަންނަނީ ބަދަލު ވަމުންނެވެ. މިދެ ޑޮކްޓަރުން ވެސް މަސައްކަތް ކުރަމުން ގެންދިޔައީ ވޫހާންގެ ސެންޓްރަލް ހޮސްޕިޓަލްގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ދެ ޑޮކްޓަރުންގެ ހަމުގެ ކުލައަށް ބަދަލުއައީ ކޮވިޑް-19 ގެ ސަބަބުން ފުރަމައެއް ގެއްލުން ލިބިފައި ވާތީއެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޑޮކްޓަރުންގެ ހަމުގެ ކުލައަށް ބަދަލު އައީ ޑޮކްޓަރުންނަށް ކޮވިޑް-19 ޖެހުމުން ބޭނުން ކުރި އެންޓިބައޮޓިކެއްގެ ސަބަބުންނެވެ.

ޑިސެމްބަރ މަހު ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް-19 ގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް އަދިވެސް އެންމެ ފުރިހަމައަށް ސައިންސްވެރިންނަށް ވެސް ދެނެނުގަނެވެއެވެ. ކޮވިޑް-19 ޖެހޭ މީހުންގެ އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް ވެސް ގެއްލުން ލިބޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ގެއްލުން ލިބޭ ގުނަވަންތަކުގެ ތެރޭގައި ފުރަމެއާއި ކިޑްނީ ފަދަ ގުނަވަންތައް ހިމެނެއެވެ.

ނަމަވެސް ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ވެސް ބަލިން އެއްކޮށް ރަނގަޅު ވެއެވެ.