އިތުބާރު ނެތްކަމުގެ ވޯޓަކުން ބްރެޒިލްގެ ރައީސް، ޖައިރު ބޮލްސެނާރޯ މަޤާމުން ދުރުކުރަން އުޅޭ ކަމުގެ އިޝާރާތެއް އެޤައުމުގެ ކުރީގެ ރައީސް، ލިޒް އިނާސިއޯ ލޫލާ ދެއްވައިފިއެވެ.

ޖަލު ޙުކުމަކަށްފަހު މިހާރު މިނިވަން ވެފައިވާ ލޫލާ މިގޮތަށް ވިދާޅުވެފައި ވަނީ، ބްރެޒިލްގެ ރައީސްގެ އަމަލުތަކާއި ގުޅިގެން އެޤައުމުގެ ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދިއުމާއި ގުޅޭގޮތުން ނޫސްތުގައި ވާހަކަ ދައްކަވަމުންނެވެ.

ލޫލާ ވިދާޅުވީ، ބޮލްސެނާރޯ އަކީ މިހާތަނަށް އެޤައުމުގެ ތާރީޚުގައި ވެސް ވެރިކަމަށް އައްޔަންކުރެވުނު އެންމެ ނާޤާބިލް އަދި އެންމެ ހުދުމުހުތާރު ރައީސް ކަމަށެވެ. އެހެންކަމުން އޭނާގެ ކިބައިން ޤައުމު ސަލާމަތްކުރެވެން އޮތް ގޮތަކީ، އިތުބާރުނެތްކަމުގެ ވޯޓަކުން ވެރިކަމުން ދުރުކުރުން ކަމަށް ލޫލާ ވިދާޅުވިއެވެ.

ލޫލާ ވިދާޅުވީ، ވެރިކަމުން ބޮލްސެނާރޯ ދުރުކޮށް، އޭނާ ހިންގި ހުރިހައި ކުށެއް ތަހުޤީޤު ކުރަންޖެހޭ ކަމަށެވެ. އަދި އެ ކުށްތަކަށް އޭނާއަށް ހައްޤު އަދަބު ލިބެންޖެހޭނެ ކަމަށްވެސް ލޫލާ ވިދާޅުވިއެވެ.

ބޮލްސެނާރޯގެ ކުރިން ބްރެޒިލްގައި ދެ ދައުރު ޖެހިޖެހިގެން ވެރިކަން ކޮށްފައިވާ ލޫލާގެ މައްޗަށް، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮލްސެނާރޯ ކުރި ހޯދީ ވޯޓުންނެއް ނޫނެވެ. އެ އަހަރުގެ އިންތިޚާބާއި ހަމައަށްވެސް ޤައުމުގެ ގިނަ ބައެއްގެ ތާއީދު އޮތީ ލޫލާއަށެވެ. ނަމަވެސް ފަހުވަގުތު، ބްރެޒިލް ކޯޓުން ވަނީ ލޫލާއަށް ކޮށްފައިވާ ދަޢުވާތަކެއްގެ ސަބަބުން އިންތިޚާބުގައި ބައިވެރިނުވެވޭނެކަން އަންގާފައެވެ.

އެއަށްފަހު ބޮލްސެނާރޯއަށް އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުވެ، ވެރިކަން ފެށުނުތާހެން ލޫލާ ވަނީ ޖަލަށްލާފައެވެ. އަށް އަހަރާއި ދިހަ މަހަށް އޭނާ ޖަލަށްލާފައި ވަނީ ކަރަޕްޝަނާއި މަނީލޯންޑްރިންގެ ދައުވާގައެވެ. ނަމަވެސް ފަހުން އެ ހުކުމް ވަނީ 18 މަހަށް ލުއިކޮށްދީފައެވެ.

ބޮލްސެނާރޯ މަޤާމުން ދުރުކުރުމުގެ މަސައްކަތް، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ފެއްޓެވުމަށް ލޫލާ ނިންމަވާފައި ވަނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ބޮލްސެނާރޯ ދައްކަމުންދާ ވާހަކައަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ބަލީގެ ކުރީކޮޅު ބޮލްސެނާރޯ ވަނީ އެޤައުމުގައި ބަލި ނުފެތުރޭނެ ކަމަށް ބުނެ، ދުނިޔެ ކުރިމަތިލަމުން މިދާ ހާލަތަށް "ޖޯކު" ޖަހައި މަލާމާތްކޮށްފައެވެ. އޭނާ ބުނެފައިވަނީ ކޮވިޑް-19 އަކީ އާދައިގެ ރޯނގާއެއް ކަމަށެވެ. އެހެންކަމުން މި ބަލިން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމާއި އޭނާ ދެކޮޅެވެ.

އެހެން ޤައުމުތަކުން ކޮވިޑް-19 އަށް އަޅާ ފިޔަވަޅުތަކަށްވެސް ފާޑުކިޔަމުން ބޮލްސެނާރޯ ކުރިން ބުނެފައިވަނީ ބްރެޒިލްގެ ރައްޔިތުންނަކީ "ކޮވިޑް ފްރީ" ބައެއް ކަމަށެވެ. އެގޮތުން އެޤައުމުގެ ރައްޔިތުން ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފައިބައި ތިބި ނަމަވެސް ބަލި ޖެހުމުގެ މާބޮޑު ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭގެ ފަހުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި ބްރެޒިލް ވަނީ ހިމެނިފައެވެ. އެގޮތުން މިހާރު އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ ޤައުމެވެ. ބްރެޒިލް އިން މިހާތަނަށް ބައިމިލިއަން މީހުންނަށް ބަލި ޖެހި 30000 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވެއެވެ.