މަޝްހޫރު ހެކަރުންގެ ގްރޫޕް، "އެނޯނިމަސް" އިން އެމެރިކާ ފުލުހުންނާއި ދެކޮޅަށް "ހަނގުރާމަ" އިއުލާނުކޮށްފިއެވެ.

އެ ގްރޫޕުން މިނިއާޕޮލިސްގެ ފުލުހުންނަށް ސީދާ އަމާޒުކޮށް ފޮނުވި އިންޒާރުގެ ވީޑިއޯއެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ، އެ އިދާރާ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނެ ކަމަށާއި، ފުލުހުން ހިންގާ ޖަރީމާތައް ބަލަން ދެން އިތުރަށް ނުތިބޭނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ހިންގާފައިވާ އަނިޔާވެރި އަމަލުތައް ފެންނަ ވީޑިއޯތައްވެސް ހިމަނައިގެން އެނޯނިމަސްއިން އާންމުކޮށްފައިވާ އިންޒާރުގެ ވީޑިއޯގައި ބުނެފައި ވަނީ، ފުލުހުންގެ ފަރާތުން ފެންނަ އަނިޔާވެރިކަމާއި ގިނަ ބަޔަކު ކުރިމަތިލާތާ އެތައް ދުވަހެއް ވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން މިއީ އެފަރާތްތަކަށް އިންސާފު ލިބެންޖެހޭ ވަގުތު ކަމަށެވެ.

އެހެންކަމުން އަނިޔާވެރިވާ ފުލުހުންނާއި މެދުވެސް، އާންމު އެހެން މީހުންނާއި މެދު އަޅާ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި، އެ ފިޔަވަޅުތަކަކީ ހަމައެކަނި އާންމު ފަރުދުންނަށް އަޅާ ފިޔަވަޅަކަށް ވެއްޖެނަމަ ފުލުހުންނަށް ލިބިގެން އެދަނީ ބޭނުން ކޮންމެ ކަމެއް ކުރުމުގެ ލައިސެންސެއް ކަމަށް އެނޯނިމަސް އިން ބުނެފައި ވެއެވެ.

"ފުލުހުންގެ ފަރާތުން ފެންނަމުންދާ އަނިޔާވެރިކަމާއި ކަރަޕްޝަން ބަލަން ދެން ނުތިބޭނަން. ތިޔައީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުވާކޮށްގެން ތިބި ބައެއް. އެ ހުވަޔާ ޚިލާފުވެއްޖެ ނަމަ އޭގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހޭނެ،" އެނޯނިމަސް އިން ބުނެފައި ވެއެވެ.

އެނޯނިމަސް އިން ބުނެފައިވާ ގޮތުގައި މިދިޔަ ވިހި ވަރަކަށް އަހަރު ތެރޭގައި މީނިއާޕޮލިސްގެ ފުލުހުންގެ އިދާރާގެ އޮފިޝަލުންގެ އަނިޔާވެރި އަމަލުތަކުގެ ތެރެއިން 193 މީހަކު މަރާލާފައިވާކަމަށެވެ. އެ ގްރޫޕުން ވަނީ ފުލުހުންގެ އަނިޔާގެ ސަބަބުން މަރުވެފައިވާ ބައެއް މީހުންގެ ނަންތައްވެސް ހާމަކޮށްފައެވެ.

އެ ގްރޫޕުން ނެރުނު ވީޑިއޯގައި އިތުރަށް ބުނެފައި ވަނީ، މިހާރު މީނިއާޕޮލިސްގެ ފުލުހުންނަށް އިތުބާރެއް ނެތް ކަމަށެވެ. އެހެންކަމުން މުޅި ދުނިޔެއަށް އެ އިދާރާ ބޭޒާރުކޮށްލާނެ ކަމަށާއި، އެކަމަށް ތައްޔާރުވެ ތިބުމަށް ބުނެފައި ވެއެވެ.

އެމެރިކާގެ މަޝްރަހު ހޫނުވެ، ހެކަރުންގެ ވަރުގަދަ އިންޒާރެއް މީނިއާޕޮލިސްގެ ފުލުހުންނަށް އަމާޒުކޮށްފައި މިވަނީ، އެ އިދާރާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަޅުނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރުމަށްފަހު ފުލުހުން ދިން އަނިޔާގައި އޭނާ މަރުވުމާއި ގުޅިގެންނެވެ. މި ހާދިސާ ހިނގި ދުވަހު އެ އިދާރާގެ ވެބްސައިޓް ވަނީ ހެކްކޮށްފައެވެ.

ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ އެކި ސަރަޙައްދުތަކަށް އެތައް ހާސް ބަޔަކު އެއްވެ ދަނީ މުޒާހަރާވެސް ކުރަމުންނެވެ. މި މުޒާހަރާތައް ކޮންޓްރޯލް ނުކުރެވި ހަފްތާއެއްހައި ދުވަސް ވެގެންގޮސްފައި ވާއިރު، މުޒާހަރާ ހުއްޓުވަން ސިފައިންވެސް ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޮޅިފެން

    ޕުހް...

    6
    3
    • ފެންހޮޅި

      ޑޫ ނޮޓް އަންޑަރއެސްޓިމޭޓް އެނޮނީމަސް ބްރޯ

      2
      2
      • ހޮޅިފެން1

        ކޮހުންތަކަށް ވީ ކޮން ކަމެއް