އެމެރިކާގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން، ހަމައެކަނި ނިއުޔޯކުންވެސް 700 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ސްޓޭޓުގެ ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ނިއުޔޯކުގެ ފުލުހުން ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ ހައްރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ ހޯމަ ދުވަހު ކުރި މުޒާހަރާގައި ބައިވެރިވި މީހުން ކަމަށާއި، އޭގެ ފަހުންވެސް ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ނިއުޔޯކު ހިމެނޭހެން އެމެރިކާގެ ގިނަ ސަރަޙައްދުތަކުގައި ސިލްސިލާކޮށް ކުރިޔަށްގެންދާ މި މުޒާހަރާތައް ބާއްވާތާ މިހާރު ވަނީ ހަފްތާއެއްހައި ދުވަސް ވެފައެވެ. މި މުޒާހަރާތަކުގައި އާންމުންނާއި ފުލުހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

ނިއުޔޯކުގެ ފުލުހުން ބުނެފައި ވަނީ މުޒާހަރާތަކުގައި އެ ސްޓޭޓުގެ ހަވަރަކަށް ފުލުހުންނަށް ބޮޑެތި އަނިޔާތައް ލިބި ފަރުވާދެމުންދާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ހަ ވެހިކަލެއް ހަލާކުކޮށްލާފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

މި މުޒާހަރާތަކާއި ގުޅިގެން ނިއުޔޯކުގައި ވަނީ ކާފިއުވެސް އިއުލާނުކޮށްފައެވެ. އެ ސްޓޭޓް ކާފިއުގެ ހާލަތަށް ގެންގޮސްފައި ވަނީ ހޯމަ ދުވަހުއެވެ. އަދި އޭގެ ފަހުން މިއަދާއި ހަމައަށްވެސް ކާފިއު ވަނީ ދަމަހައްޓާފައެވެ.

މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެ ކުރަމުންދާ މި މުޒާހަރާތައް ކޮންޓްރޯލް ނުވެ އެ ސްޓޭޓުގެ ބައެއް އިދާރާތަކަށް ނުރައްކާ ކުރިމަތިކޮށްފައި މިވަނީ، މީގެ ހަފްތާއެއްހައި ދުވަސްކުރިން އެމެރިކާގައި ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅުނަސްލުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލި ހާދިސާ އާއި ގުޅިގެންނެވެ.

ފުލުހުންގެ މި އަނިޔާވެރި އަމަލާއި ދެކޮޅަށް ފެށުނު މުޒާހަރާގާއި ގުޅިގެން ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ ފުލުހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އެފަރާތްތަކާއި މެދު އެކަށީގެންވާ ފިޔަވަޅެއް އަޅައި އަދަބު ދީފައެއް ނުވެއެވެ. މުޒާހަރާތައް ހުއްޓާނުލާ ކުރިޔަށްގެންދަނީ، ފްލޮއިޑް އާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ.