އެމެރިކާގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކާއި ގުޅިގެން، އެޤައުމުގެ ދިފާޢީ ވުޒާރާ، އަދި ދުނިޔެއިންވެސް ސަލާމަތީ ކަންކަން އެންމެ ވަރުގަދަ އެއް އިމާރާތް، ޕެންޓެގަން ކުއްލި ހާލަތަށް ގެނެސް، އެލާޓް ލެވެލް މަތިކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، މުޒާހަރާތަކާއި ގުޅިގެން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ޕެންޓެގަން މިހާރު ވަނީ ދެވަނައަށް އެންމެ ނުރައްކާތެރި ހާލަތުގެ އެލާޓްގައެވެ. މިކަމާއި ގުޅިގެން އެ އިމާރާތް ހިމެނޭ ސަރަޙައްދުގެ ސަމާލަތީ ކަންކަންވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ޕެންޓެގަންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވާއިރު، މި ފިޔަވަޅުތައް އަޅާފައި ވަނީ މުޒާހަރާތަކުގެ ތެރެއިން އައިސްދާނެ ނިރުބަވެރި ހަމަލާއެއްގެ ނުރައްކަލަށް ކަމަށް އޮފިޝަލުން ނޫސްތަކުގައި ބުނެފައި ވެއެވެ. އެފަރާތްތަކުން ބުނެފައިވަނީ، ނިރުބަވެރިން މިފަދަ ދަނޑިވަޅުތަކާއި ދިމާކޮށް ހަމަލާ ދިނުމަށް ރާވާ ކަމަށެވެ.

"އަޅުގަނޑުމެން މި ފިޔަވަޅުތައް އަޅާފައި މިވަނީ، މި އިދާރާގައި މަސައްކަތްކުރާ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާއި އެފަރާތްތަކުގެ އާއިލާތަކުގެ ރައްކަލަކަށްޓަކައި. މިއީ ނިރުބަވެރި ހަމަލާއެއް އަމާޒުވުމުގެ ފުރުސަތުވެސް އޮތް ދަނޑިވަޅެއް،" އޮފިޝަލަކު ނޫސްތަކުގައި ބުނެފައި ވެއެވެ.

ޕެންޓެގަންގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާކަން އެ އިދާރާގެ ތަރުޖަމާނުވެސް މީގެ ކުރިން ހާމަކޮށްފައި ވެއެވެ. މުޒާހަރާތަކާއި ގުޅިގެން އެތަނަށް ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި މިއީ ޕެންޓެގަންގެ ސަލާމަތީ ކަންކަން އިތުރުކުރި ތިންވަނަ ފަހަރެވެ.

އެމެރިކާގައި ސިލްސިލާކޮށް މުޒާހަރާ ކުރިޔަށްގެންދާތާ މިހާރު ވަނީ ހަފްތާއެއްހައި ދުވަސް ވެފައެވެ. މި މުޒާހަރާތައް ފެށިފައިވަނީ އެޤައުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑް ނަމަކަށްކިޔާ ކަޅު ނަސްލުގެ މީހެއްގެ ކަރަށް ފުލުހުން ފައިންއަރާ، އޭނާ ހާސްކޮށްލައިގެން މަރާލި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު ދައުރުވަމުން ދާއިރު، މުޒާހަރާތައް ފެށިގެން އައީ މި ޖަރީމާ ހިންގި ފުލުހުންނަށް އެއްވެސް އަދަބެއް ނުދިނުމުންނެވެ. މުޒާހަރާތަކާއި ގުޅިގެން މި ފުލުހުން ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭގެތެރެއިން ފުލުހަކަށް ދަޢުވާ އުފުލައި ހައްޔަރުވެސް ކޮށްފައި ވެއެވެ. ނަމަވެސް މުޒާހަރާކުރާ ފަރާތްތަކުން ބުނަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވަނީ އޭނާ ކުރި ކުށާއި އެކަށީގެންވާ ދަޢުވާއެއް ނޫން ކަމަށެވެ. މުޒާހަރާގެ ބައިވެރިން ދަނީ މި އަމަލުގައި ބައިވެރިވި އެހެން ފުލުހުންވެސް ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.