ގަސްގަހުގައި އަޅާ މޭވާ އާއި ތަރުކާރީއަށް ގެއްލުންދޭ ސޫތްޕެއް އިންޑިއާގައި ގިނަވެ ބައެއް ސަރަޙައްދުތަކަށް ނުރައްކާ ކުރިމަތިވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން މި ސޫފިތައް މިހާރު އެންމެ ބޮޑަށް ގިނަވެފައި ވަނި އިންޑިއާގެ ރާޖަސްތާން ސްޓޭޓުގައެވެ. ގަސްގަހުގައި އަޅާ ގޮވާމުގެ 90 އިންސައްތަ ހަލާކުކޮށްލާ މި ސޫފި ރާޖަސްތާނުގައި އާދަޔާއި ޚިލާފަށް ގިނަވެ ގިނަ ދަނޑުތަކަށް ގެއްލުން ދީފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން މިކަމާއި ގުޅިގެން ބުނެފައި ވަނީ، މިއީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ވެސް އެޤައުމަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި ހާލަތު ކަމަށެވެ. މި ސޫފިތައް ގިނަވެފައި ވަނީ އިންޑިއަށް އެރި ވަރުގަދަ ތޫފާން، ތޫފާން އެމްޕަންގެ ސަބަބުން ކަމަށް އެފަރާތްތަކުން ލަފާކޮށްފައި ވެއެވެ.

ރާޖަސްތާނުގައި އެންމެ ފުރަތަމަ ގިނަވާން ފެށި މި ސޫފިތައް މިހާރު އެ ސްޓޭޓާއި އިންވެގެން އޮންނަ އުއްތަރ ޕްރަދޭޝްގައި ވެސް ގިނަވަމުން އަންނަ ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެރިކަންކުރާ ނިއުދިއްލީ ހިމެނޭހެން އެ ސަރަޙައްދުގެ އެހެން ގިނަ ސްޓޭޓް ތަކަށްވެސް މި ސޫފީގެ ނުރައްކާ ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

އާދަޔާއި ޚިލާފަށް ބައެއް ސަރަޙައްދުތަކުގައި މި ސޫފި ގިނަވުމާއި ގުޅިގެން ބައެއް އަވަށްތަކުގައި މިހާރު ވަނީ އެޑްވައިޒަރީ ވެސް ނެރެފައެވެ. މި އެޑްވައިޒަރީގައި، ދަނޑުގޮވާންކުރާ ފަރާތްތަކުން މިކަމަށް ތައްޔާރުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ސޫތްޕަކީ އެ ދުވަސްތެރޭ 150 ކިލޯމީޓަރަށް ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވާ ސޫތްޕެކެވެ. އަދި އޭގެ އަމިއްލަ ބަރުދަނާއި އެއްވަކަށް މޭވާ އާއި ތަރުކާރީ، ކޮންމެ ދުވަހެއްގައިވެސް ކާލާ ކަމަށް ވެއެވެ. މި ސޫފި އުޅޭ ސަރަޙައްދުތަކުގައި ކޮންމެ ސްކެއާ ކިލޯމީޓަރެއްގައި މިފަދަ 80 މިލިއަން ސޫފި އުޅޭނެ ކަމަށް އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަބަރު

    މުސްލިމުންނަށް ކުރިއަނިޔާގެ ރަހަ ތި ދެކެނީ.... މިހާރު މުމްބާއީއަށް ބޮޑު ތޫފާނެއް ވެސް އަރަމުން އެދަނީ... ާ

    29
  2. ހުޅުމީހާ

    އަލްޙަމްދުލިﷲ