ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، ރާއްޖެ އާއި އަވައްޓެރި ސްރީލަންކާ އަށްވުރެ ނޭޕާލުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޕާލުން ބަލި ޖެހުނު މީހުންގެ އަދަދު، ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އެގޮތުން މިހާތަނަށް އެޤައުމުން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2099 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނޭޕާލުން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 288 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއީ އެޤައުމުން މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ފަހަރެވެ. އިއްޔެވެސް ނޭޕާލުން 239 މީހަކު އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލްގައި ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ 8 މީހެކެވެ. އަދި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން މިހާތަނަށް 266 މީހަކު ރަނގަޅުވެފައި ވެއެވެ. އެޤައުމުގެ އިދާރާތަކުން ބުނާގޮތުން މިހާރު ނޭޕާލުގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ 1825 މީހަކަށެވެ. މީގެ ތެރޭގައި ސީރިއަސް ހާލުގައި ފަރުވާދޭ މީހަކު ނެތްކަމަށް އެފަރާތްތަކުން ބުނެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ އިންޑިއާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 207,183 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އިންޑިއާއަކީ މުޅި ދުނިޔެއިންވެސް 7 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޤައުމެވެ. މި ސަރަޙައްދުން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ޤައުމަކީ ޕާކިސްތާނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 76,398 މީހަކަށް ބަލި ޖެހިފައި ވެއެވެ.

ދެކުނު އޭޝިއާ އިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ބަންގްލަދޭޝް އިންނެވެ. އަދި ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެއްގެ ގޮތުގައި އަފްޣާނިސްތާން އޮތްއިރު، ފަސްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކަށް ނޭޕާލް ވަނީ ވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1841 އަށް އަރާފައިވާއިރު، ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަޙައްދުން ހަވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ފައްސިވި ޤައުމެވެ. މި ސަރަޙައްދުން 7 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ސްރީލަންކާއިން މިހާތަނަށް ބަލި ޖެހުނީ 1683 މީހަކަށެވެ. މި ސަރަޙައްދުން އެންމެ މަދު ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބޫޓާނުންނެވެ. އެޤައުމުން މިހާތަނަށް ފެންމަތިވެފައި ވަނީ މި ބަލީގެ 47 ވޭދަނަ (ކޭސް) އެވެ. މިހާތަނަށް ބޫޓާނުން މި ބަލީގައި މީހަކު މަރުވެފައެއްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޭެައެނގުނު

    ތަފާތު ހިސާބު އާބާދީގެ ނިސްބަތުން ކިޔައިދީ. %

  2. ާއެނގުނު

    ޢާބަދީގެ ނިސްބަތުން% ގެނެސްދީ

  3. ކާފު

    ދެން އަތްޖަހާ. ތި ބުނި ދެ ގައުމު ގެ އާބާދީ ވެސް ރާއްޖެއާއި އެއްވަރު!