ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ފާއިތުވި ދެެދުވަހު ވަރަށް ބޮޑަށް މަދުވުމަށް ފަހު އިއްޔެ އަނެއްކާވެސް އިތުރު ވެއްޖެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެމެރިކާ އިން ވަނީ 1134 މީހުން މަރުވެފައެވެ.

ހޯމަ ދުވަހު އެމެރިކާ އިން މަރުވީ 730 މީހުންނެވެ. އަދި އާދީއްތަ ދުވަހު މަރުވީ 638 މީހުންނެވެ.

އިއްޔެ އެމެރިކާ އިން ވަނީ އިތުރު 21882 މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއާއި އެކު އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,881,205 އަށް އަރާފައެވެ. އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް 108,059 މީހުން ވަނީ މަރުވެފައެވެ. އެމެރިކާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން އަދި ބަލިން ރަނގަޅުވީ 645,974 މީހުންނެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިލިނޮއިސް އިންނެވެ. އިލިނޮއިސް އިން އިއްޔެ 113 މީހަކު ވަނީ މަރުވެފައެވެ. ޕެންސިލްވޭނިއާ އިން 93 މީހަކު މަރުވެފައި ވާއިރު ނިއުޔޯކުން ވެސް 90 މީހަކު އިއްޔެ ވެސް މަރުވިއެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އަނެއްކާ އިތުރުވެފައި މިވަނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބަލައި ގިނަ ސްޓޭޓްތަކުގައި ލުއިތައް ދޭން ފަށާފައި ވަނިކޮށެވެ.

މިހާރު އެމެރިކާގެ ސިއްހީ އެހީތެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައި ދާނެކަމުގެ ކަންބޮޑުވުމެވެ. މުޒާހަރާތަކުގައި މާބޮޑަށް އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ކަން ފާހަގަ ކުރެވެއެވެ.