އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާން ނިސާގާ އިންޑިއާގެ މުމްބާއީއަށް އަރާނެ ކަމުގެ ބިރު އޮތުމާއެކީ 100,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ތޫފާން ނިސާގާއަކީ ފާއިތުވި 70 އަހަރު މުމްބާއީއަށް އަރާ އެންމެ ނުރައްކާތެރި ތޫފާން ކަމަށް ބުނެފައެވެ.

މި ތޫފާންގެ ފުރިހަމަ އަސަރު ކުރިއަށް އޮތް ތިން ގަޑިއިރު ތެރޭގައި މުމްބާއީއަށް ކުރަން ފަށާނެ ކަމަށް އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ. އެހެން ކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މުމްބާއީ އާއި ކައިރި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ކޮވިޑް-19 ޖެހިފައި ތިބި މީހުން ވެސް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

ތޫފާނުގެ އަސަރު ސީދާ މުމްބާއީ އަށް ނުކުރި ނަމަވެސް މިހާރުވެސް 75 މޭލަށް ވައިގަދަވެ، އެ ހިސާބަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް މިހަފްތާގެ ތެރޭގައި ލުޔެއް ދީ، އެގައުމުގެ އިގްތިސާދު ކޮޅަށް ޖަހަން މަސައްކަތް ކުރަން އަންނަ ދަނޑިވަޅަކާއި ދިމާކޮށް އުފެދިފައިވާ ތޫފާނެކެވެ.

އެ ގައުމުން ތޫފާން ނިސާގާއަށް ތައްޔާރުވަމުން އަންނައިރު މީގެ ދެ ހަފްތާ ކުރިން އެގައުމަށް އެރި ތޫފާން އަމްފަން ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ގެތަކެއް ވީރާނަވެ، ގިނަ ބަޔަކު ވަނީ މަރުވެފައެވެ. މި ތޫފާނުގެ އަސަރު ބަންގްލަދޭޝްއަށްވެސް ވަނީ ކޮށްފައެވެ.