ނުރައްކާތެރި ތޫފާން "ނިސާގާ" އިންޑިއާގެ މުމްބާއީ ކައިރީގައި އޮންނަ އަލީބާގް ޓައުނަށް އަރައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ތޫފާނުގެ އަރާފައިވަނީ މުމްބާއީ ޖެހިގެން ދެކުނަށް އޮންނަށް އަލީބާގް އަށެވެ.

މި ތޫފާނަކީ ފާއިތުވި 2 ހަފްތާގެ ތެރޭގައި އިންޑިއާއަށް އަރާފައިވާ 2 ވަނަ ތޫފާނެވެ. މީގެ 2 ހަފްތާ ކުރިން އިންޑިއާގެ އިތުރުން ބަންގްލަދޭޝްއަށް ތޫފާން" އަމްފަން" އަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ތޫފާން ނިސާގާ އަލީބާގް އަށް އަރައި މީހުން ދިރިއުޅޭ ގެތަކުގެ ފުރާޅު އެއްލާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މި ތޫފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާ ކަމަށް އަދި ސާފުވެފައެއް ނުވެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ އަރަބި ކަނޑުން އުފެދިގެން އައި މި ތޫފާނުގެ އަސަރު އިންޑިއާގެ ގިނަ ހިސާބުތަކަށް ކުރާނެ ކަމަށާއި ތޫފާނުގެ ސަބަބުން މިހާރުވެސް 75 މޭލަށް ވައިގަދަވެ، އެކި ހިސާބަށް ދަނީ ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށެވެ.

މި ތޫފާން މުމްބާއީއަށް އަރައިފިނަމަ ވެގެންދާނީ ފާއިތުވި 70 އަހަރު ތެރޭގައި އަރާ އެންމެ ނުރައްކާތެރި ތޫފާނުގެ ގޮތުގައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.