ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީ ޣައްޒާގެ މިސްކިތްތަކާއި ކުޑަކުދިން ކިޔަވަމުން އަންނަ ބައެއް ސްކޫލްތައް ހުޅުވާލައިފިއެވެ.

ޣައްޒާގެ މިސްކިތް ހުޅުވުމާއި އެކީ އާންމުންނަށް ނަމާދު ކުރެވޭ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ޣައްޒާގެ ބައެއް ސްކޫލްތަކާއި މިސްކިތްތައް ބަންދު ކޮށްފައިވަނީ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާޗް މަހުގެ ތެރޭގައެވެ.

2 މިލިއަން ފަލަސްތީނު މީހުން ދިރިއުޅުމުން އަންނަ ޣައްޒާއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ކޮވިޑް-19 ޖެހިގެން 61 މީހަކު ފެނިފައިވާއިރު، އެކަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ފަލަސްތީންގައި އަދި ހާއްސަކޮށް ޣައްޒާގައި ކޮވިޑް-19 ފެތުރިގެން ހިނގައްޖެނަމަ އެތައް ބަޔަކަށް ބަލި ޖެހިގެން ދިއުމުގެ ބިރު އޮތީ ބޮޑުވެފައެވެ. އެއީ ފަލަސްތީންގެ ގިނަ ސަރަހައްދުތަކުގައި ވެސް އަދި ޣައްޒާގައި ވެސް އެކަށީގެންވާ މިންވަރަކާއި ގާތައް ވެސް ސިއްހީ ޚިދުމަތްތައް ލިބެން ނުހުންނާތީއެވެ.

އިސްރާއީލުން ޣައްޒާ ހިސޯރު ކޮށްފައި އޮންނާތީ ޣައްޒާ އަށް ބޭސް ވެއްދުން އެއީ ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމެކެވެ.

ފަލަސްތީނު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މިހާތަނަށް ދުނިޔެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 6.4 މިލިއަންއަށްވުރެ އިތުރުވެފައިވާއިރު، އޭގެތެރެއިން 383،073 މީހަކު ވަނީ މަރުވެފައެވެ.