އަނިޔާވެރި ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމެރިކާއަށް ނިސްބަތްވާ ކަޅުނަސްލުގެ މީހެއް ކަމަށްވާ، ޖޯޖް ފްލޮއިޑް މަރާލި ހާދިސާ އާއި ގުޅިގެން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި އެތައް ހާސް ބަޔަކު ނުރުހުން ފާޅުކުރަމުން ދާއިރު، ބޭނުންވަނީ އިންސާފު ލިބުން ކަމަށް ފްލޮއިޑްގެ ފިރިހެން ދަރިފުޅު ބުނެފިއެވެ.

ފްލޮއިޑްގެ ކުއްލި މަރާއި ގުޅިގެން އޭނާގެ ދަރިފުޅު، ކުއިންސީ މޭސަން ފްލޮއިޑް ނޫސްތަކުގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ މިއީ ދުވަހަކުވެސް ކުރިމަތިނުވާ ވަރުގެ ހިތާމައެއް ކަމަށާއި، އެފަދަ އަނިޔާވެރި ގޮތަކަށް ބައްޕަގެ ފުރާނަ ގެއްލި އޭނާ އާއި ވަކިވާން ޖެހިދާނެ ކަމަށް ހީނުކުރާ ކަމަށެވެ.

"އަޅުގަނޑު މިހުރީ އާއިލާއާއެކު. އަޅުގަނޑުމެންގެ ޑިމާންޑަކީ އާއިލާއަށް އިންސާފު ލިބުން. މިފަދަ ގޮތަކަށް ބައްޕަ މަރާލި ބަޔަކު އިންސާފާއި ކުރިމަތިލާން ޖެހޭނެ،" ތަކުރާރުކޮށް މޭސަން ބުނެފައި ވެއެވެ.

މޭސަން މިގޮތަށް ބުނެފައި ވަނީ، މީގެ ހަފްތާއެއްހައި ދުވަސްކުރިން، ޖޯޖް ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ކަރުމަތީގައި ފުލުހަކު ކަކޫ އަޅައި ފިއްތާލުމުން ނޭވާ ހާސްވެގެން މަރުވި ސަރަޙައްދަށް، ގިނަ އަދަދެއްގެ ބަޔަކާއެކު ގޮސް ކުރި އިހުތިޖާޖެއްގެ ތެރެއިންނެވެ.

ފްލޮއިޑް މަރާލި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މީގެ ކުރިން މީސްމީޑިއާގައި ދައުރުވެފައި ވާއިރު، އެ ޖަރީމާ އާއި ގުޅިގެން އެމެރިކާގެ އެކި ސަރަޙައްދުތަކުގައި މުޒާހާރާ ފެށުނުތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މި މުޒާހަރާތައް ހޫނުވެ ވޮޝިންޓަންގައި ހުންނަ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރިޔަށްވެސް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.

ފަހުގެ ތާރީޚެއްގައި ވެސް އެމެރިކާގައި ކުރިޔަށް ނުގެންދާ ވަރުގެ މި ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ފްލޮއިޑް މަރާލި ފުލުހުންނާއި މެދު ވަނީ ފިޔަވަޅު އަޅައި ވަޒީފާއިންވެސް ވަކިކޮށްފައެވެ. އަދި އޭގެ ތެރެއިން ފްލޮއިޑް މަރާލި ފުލުސް މީހާ މިހާރު ވަނީ ހައްޔަރުކޮށް މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބުނަމުންދަނީ ފްލޮއިޑް މަރާލުމުގައި ބައިވެރިވި ހުރިހާ ފުލުހުންނަށް ވެސް ހަރުކަށި އަދަބު ލިބެން ޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް މިހާރު އަޅާފައި ވަނީ އެމީހުން ކުރި ކުށާއި އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފްލޮއިޑް މަރާލުމާއި ގުޅިގެން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެމެރިކާގެ ގިނަ ސިޓީތައް ވެސް ވަނީ ކާފިއުގެ ހާލަތަށް ގެނެސްފައެވެ. އޭގެތެރޭގައި ވޮޝިންޓަންވެސް ހިމެނެއެވެ.