ކޮވިޑް-19 ޖެހިގެން އިއްޔެ ވެސް އެމެރިކާ އިން އިތުރު 1083 މީހަކު މަރުވެއްޖެއެވެ.

އެމެރިކާ އިން އިއްޔެ މަރުވި މީހުންގެ އަދަދު، އަންގާރަ ދުވަހު މަރުވި މީހުންނަށްވުރެ މަދެވެ. އަންގާރަ ދުވަހު 1134 މީހަކު އެމެރިކާ އިން މަރުވިއެވެ.

އިއްޔެ އެމެރިކާ އިން ވަނީ އިތުރު 20578 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެމެރިކާ އިން އެންމެ މަދުން މީހުން ފައްސިވި ދުވަހެވެ.

އެމެރިކާ އިން މިހާތަނަށް 1.9 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 109,142 މީހަކު މަރުވެފައި ވާއިރު 688,670 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ގެ ހާލާތު އެމެރިކާގައި ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަނިކޮށް ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން ވަރުގަދަ މުޒާހަރާތަކެއް އެމެރިކާގައި ފެށި، މުޒާހަރާތަކުގެ ތެރެއިން ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑު ވެފައެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރި މިނެސޯޓާ ނޭޝަނަލް ގާޑްގެ މެންބަރަކު ވެސް މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއާއި އެކު އެ ސްޓޭޓްގެ ނޭޝަނަލް ގާޑްގެ ހުރިހާ މެންބަރުން ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ވަނީ ނިންމާފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ކުންފުނިތަކުން ވެސް ހުއްޓުމެއް ނެތި ކުރަމުން ދާއިރު، ވައިޓް ހައުސް އިން ވަނީ ވެކްސިނެއް އުފެއްދުން އެންމެ ގާތް ފަސް ކުންފުންޏެއް މިހާރު ލިސްޓް ކޮށްފައިވާ ކަމަށާއި އެކުންފުނިތަކަށް އެމެރިކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަން އިއްޔެ އިއުލާން ކޮށްފައެވެ.

އެފަސް ކުންފުންޏަކީ މޮޑާނާ، ޖޯންސަން އެންޑް ޖޯންސަން، އޮކްސްފޯޑް-އެސްޓްރާޒެނެކާ، މެރެކް އަދި ފިޒާއެވެ. މިކުންފުނިތަކުން އުފެއްދުމުގެ މަސައްކަތް ކުރާ ވެކްސިންތަކުގެ ނަތީޖާތައް މިހާތަނަށް ފެނިފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު