ކޮވިޑް-19 ޖެހިގެން ވިއެޓްނާމްގައި ސީރިއަސް ހާލަތަކަށް ދިޔަ ޕައިލެޓެއްގެ ފޮޓޯތައް މީސްމީޑިއާގައި އާންމުވާން ފަށައިފިއެވެ.

އުމުރުން 43 އަހަރުގެ ފިރިހެން މީހާއަކީ ވިއެޓްނާމް އެއާލައިންސްގައި މަސައްކަތް ކުރަމުން އަންނަ ޕައިލެޓެކެވެ. ވިއެޓްނާމުން 91 ވަނަ އަށް ކޮވިޑް-19 ޖެހުނު އެމީހާ ކޯމާއަކަށް ދިޔަ ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، އެމީހާ ހޭއަރާފައިވާ ކަމަށްވެއެވެ.

ކޯމާއަކަށް ދިޔަ ޕައިލެޓަށް ޑޮކްޓަރުން އެހީވަނީ.

ރިޕޯޓުތައް ބުނާ ގޮތުގައި އެމީހާ ހޭ އެރުމަށް ފަހު، ހޮސްޕިޓަލްގައި ތިބި ޑޮކްޓަރުންނާ ވާހަކަ ދައްކާ ހެދިއެވެ. ހޯޗީ މިން ސިޓީގައި ހުންނަ ޗޯ ރޭ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނަ މީހާގެ ހާލު ކުރިއަށް ވުރެ މިހާރު ރަނގަޅެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ޕައިލެޓުގެ މޫނު މަތިން ހިނިތުންވުމުގެ މަންޒަރު ފެންނަ އިރު، ޑޮކްޓަރުން އެމީހާ އަށް އެހީވާ މަންޒަރު ފެނެއެވެ. އަދި ސަމްސަލަކުން އެމީހާގެ އަނގަޔަށް ލަވައިދޭ މަންޒަރު ވެސް ފޮޓޯއަކުން ފެނެއެވެ.

ކޯމާއަކަށް ދިޔަ ޕައިލެޓަށް ޑޮކްޓަރުން އެހީވަނީ.

މި ޕައިލެޓަކީ ވިއެޓްނާމްގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ހާލު ދެރަވި ބަލި މީހާއެވެ. މިދިޔަ މާޗް 18 ވަނަ ދުވަހު އެމީހާ އަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފެށި އިރު، އޭނާގެ ފުއްޕާމޭގެ ހަރަކާތް 10 ޕަސަންޓަށް ދަށްވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އެ ޕައިލެޓަށް ދުވާލަކު ދެ ފަހަރު ފިޒިކަލް ތެރަޕީ ދަނީ ދެމުންނެވެ. އެއީ އޭނާގެ ފައިގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

އެމީހާ އަށް ޖެހުނު ބަލީގެ ސަބަބުން ފުއްޕާމޭ އަށް އަސަރުކޮށްފައިވާ އިރު، ދެ ވައްތަރުގެ ބެކްޓީރިއާއެއް ހަށިގަނޑު ތެރޭގައި ހުރި ކަމަށްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޕައިލެޓްގެ ކިޑްނީ އަށް ވެސް ގެއްލުން ލިބުނެވެ. އެކަމަކު، ޑައިލަސިސް ހަދައިގެން އެކަން ވަނީ ރަނގަޅުކޮށްފައެވެ.

ވިއެޓްނާމްގެ މީޑިއާތައް ބުނާ ގޮތުގައި ޕައިލެޓަށް ނޭވާލުމުގައި އަދިވެސް ދަތިތަކެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު