އެމެރިކާގެ ފުލުހުން އަނިޔާވެރިކޮށް މަރާލާފައިވަނީ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް ވަނީ ކޮވިޑް-19 އަށް ފައްސިވެފައިކަން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ހާމަ ވެއްޖެއެވެ.

ޖޯޖްގެ މަރާއި ގުޅިގެން ހެނެޕިން ކައުންޓީ މެޑިކަލް އެގްޒަމިނާސް އިން އޮޓޮޕްސީ ރިޕޯޓް ހެދިއިރު، ކޮވިޑް-19 އަށް ފައްސިވެފައިވީ ނަމަވެސް ރިޕޯޓުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ބަލީގެ ސަބަބުން ނޫން ކަމަށާއި އެނާ މަރުވެފައިވަނީ ފުލުހުން އޭނާ ބިޑި އަޅުވައި ބިންމައްޗަށް ވައްޓައިގެން ކަރު މަތީ ގިނަ މިނަޓުތަކެއް ވަންދެން ކަކޫ އަޅައިގެން ތިބުމުގެ ސަބަބުން ނޭވާ ލާން އުނދަގޫ ވެގެން ކަމަށެވެ.

މިހާތަނަށް ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު ޖޯޖްއަކީ ހިތުގެ ބަލީގެ އިތުރުން އެހެން ބަލިތަކެއް ހުންނަ މީހެކެވެ.

ޖޯޖްގެ މަރާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި އަމަލީ ގޮތުން އޭނާ މަރާލި ފުލުސް މީހާވެސް ހިމެނެއެވެ.

ފްލޮއިޑްގެ މަރާއި ގުޅިގެން މި ހަތަރު ފުލުހުންގެ ތެރެއިން އެކަކަށް ވަނީ މީހަކު މަރާލިކަމުގެ ދަޢުވާ އުފުލާފައެވެ. އަދި ދެން ތިބި މީހުންނަށް ވަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ ކޮށްފައެވެ. އެމީހުންނަށް ކަފާލާތުގެ ފުރުސަތުވެސް ލިބޭނީ އެއްމިލިއަން ޑޮލަރު ދައްކައިގެން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޖޯޖްގެ މަރާއި ގުޅިގެން އެމެރިކާގެ އެކި ހިސާބުތަކުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ގިނަ ބަޔަކު އަންނަނީ ނަސްލީ ތަފާތު ކުރުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.