މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1092 މީހަކު މަރުވެއްޖެއެވެ.

މިއީ އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މީގެ ކުރިން އެގައުމުން އެއް ދުވަހެއްެގެ ތެރޭގައި 501 މީހަކު ވަނީ މަރުވެފައެވެ. އެއީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މިއީ އެ ދުވަހާއި އަޅާބަލާއިރު ދެގުނަ އިތުރު ވުމެކެވެ. މިއާއެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 11729 އަށް އަރާފައެވެ.

މެކްސިކޯ އިން އިތުރު 3,912 މީހަކު މި ބައްޔަށް ފައްސިވެ ޖުމްލް ފައްސިވި މީހުންގެ އަދަދު ވަނީ 101,238 އަށް އަރާފައެވެ.

އެގައުމުން މި ބަލި ޖެހިގެން 73,271 މީހަކު ރަނގަޅުވެފައިވާއިރު، ހާލު ދެރަވެގެން އައިސީޔޫގައި 378 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެގައުމުން މިއަދާއި ހަމައަށް 10,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީޑިއާތަކުން ބުނަމުން އަންނަނީ އެގައުމުން އަސްލު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ސަރުކާރުން ހާމަ ކުރާ ވަރަށްވުރެ ގިނަ ވާނެ ކަމަށެވެ.

މެކްސިކޯ މުޅި ދުނިޔެއަށް ބަލާއިރު 14 ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. އެގައުމުން ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރުވެސް، މިހާރު އަންނަނީ ފުރަބަންދަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ.

މެކްސިކޯ ހިމެނޭ ގޮތަށް ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދަށް ކޮވިޑް-19 ވަނީ ފެތުރިފައެވެ. މިހާތަނަށް މި ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު