ކޮވިޑް-19 ގެ ސަބަބުން ފުރަބަންދަށް ލުއިތަކެއް ގެނެސްފައިވާ ސައުދީގައި އުސޫލުތަކާއި ހިލާފުވި 32 ވިޔަފާރިއެއް ބަންދު ކޮށްފިއެވެ.

ކާފިއުއަށް ލުއިތަކެއް ގެނެސް އެގައުމު ހުޅުވާލުމަށް ނިންމާފައި ވަނީ ތިން މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި ސައުދީ ހުޅުވާލުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން 30 އާއި ހަމައަށެވެ.

ދެވަނަ މަރުހަލާގައި މިދިޔަ މަހުގެ 31 އިން މިމަހުގެ 20 އަށް ސައުދީ ހުޅުވުމެވެ. މި މަރުހަލާގައި މައްކާ ފިޔަވައި ހުރިހާ ސަރަހައްދެއްގައި ހެނދުނު 6:00 އިން ރޭގަނޑު 20:00 އަށް ބޭރުގައި އުޅެވޭނެއެވެ. މި މަރުހަލާގައި ރެސްޓޯރެންޓް ކެފޭތައްވެސް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އެހެން ނަމަވެސް ވަނީ ހަރުކަށި އުސޫލުތަކެއް އެކުލަވާލާފައެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އުސޫލުތަކާއި އެކީ މިފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް އެގައުމުން ބުނެފައިވަނީ މި އުސޫލުތަކާއި ހިލާފުވި 2,256 ވިޔަފާރިއެއް ފެނިފައިވާ ކަމަށެވެ. މީގެ ތެރެއިން 32 ވިޔަފާރި ބަންދު ކޮށްފައިވަނީ ތަކުރާރުކޮށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެންނެވެ.

މީގެ ތެރެއިން 434 ވިޔަފާރި ފެނިފައިވަނީ ކޮވިޑް-19 ގައިދުރުކަން ނެތް ވިޔަފާރި ކަމާއި އަދި 1012 ވިޔަފާރިއަކީ ހުޅުވަން ނުޖެހޭ ގަޑީގައި ހުޅުވާފައިވާ ވިޔަފާރި ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ސައުދީން މަރުހަލާތަކަކަށް ބަހާލައިގެން ގައުމު ހުޅުވާލަން ނިންމި ނަމަވެސް، ހަލާތަށް ބަދަލެއް ނުވެއްޖެނަމަ ކުރިއަށްވުރެ ހަރުކަށި ފިޔަވަޅުތައްވެސް އަޅަން ޖެހިދާނެ ކަމަށް ސައުދީން ވަނީ މީގެ ކުރިން ބުނެފައިވެފައެވެ.