އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި ހުންނަ އިންޑިއާގެ އެމްބަސީ ކުރިމަތީގައި ބަހައްޓާފައި ހުރި މަހަތްމާ ގާންދީގެ ބުދެއް ހަލާކު ކޮށްލުމާއި ގުޅިގެން އެމެރިކާ އިން އިންޑިއާ ކިބައިން މާފަށް އެދެފިއެވެ.

ދާދި ފަހުން އެމެރިކާގަައި އަނިޔާވެރި ގޮތަކަށް މަރާލި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެ ގައުމުގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަަރާ ތަކެއް ކުރަމުން އަންނައިރު، މުޒާހަރާގެ ތެރެއިން ގާންދީގެ ބުދަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ދީފައެވެ.

މިއާއިއެކު އެމެރިކާ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެނެތު ޖެސްޓާ ބުނެފައި ވަނީ ޖޯޖް ފްލޮއިޑްގެ ހައްގުގައި މުޒާހަރާ އަށް ނިކުތް މީހުންގެ ތެރެއިން ބަޔަކު އެ ބުދަށް އެކި ވަރުގެ ގެއްލުންތައް ދީފައިވާ ކަމަށާއި އެކަން ކުރި ބަޔަކު ހޯދުމަށް ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށާއި ގައުމަށް ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބުދަށް ސްޕްރޭ އިން ގްރެފިޓީތައް ޖަހައި، ތަޅާލަންވެސް މަަސައްކަތް ކޮށްފައި ވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މަހަތުމާ ގާންދީ އަކީ އިންޑިއާ އިނގިރޭސިންގެ އަތް ދަށުން މިނިވަން ކުރުމުގައި އިސް ދައުރެއް އަދާ ކުރި ފަރާތެކެވެ.