ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ އިންޑިއާއިން ފައްސިވި މީހުންނާއި، މި ބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމަތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން އަލަށް 9810 މީހަކު ބައްޔަށް ފައްސިވެ، މި ބަލީގައި އިތުރު 275 މީހަކު ވަނީ މަރުވެފައެވެ.

މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

އިންޑިއާއިން ކޮވިޑް-19 އަށް އިތުރު އެތައް ހާސް ބަޔަކު ފައްސިވެ މިބަލީގައި އިތުރު ގިނަ ބަޔަކު މަރުވެފައި ވާއިރު، މިހާތަނަށް އެޤައުމުން 226,634 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 6,363 މީހަކު ވަނީ މަރުވެފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން އަލަށް ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކު ފައްސިވެ، އަދި ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ޤައުމުވެސް މެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއަކީ މިހާރު އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ހަލުވިކަމާއެކު ބަލީގެ ވޭދަނަ (ކޭސް) އިތުރުވަމުން އަންނަ ޤައުމެވެ.

މިހާތަނަށް އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 108,433 މީހެކެވެ. އަދި ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

އިންޑިއާ އަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    މިސަރުކާރު ނަމޫނާބަލާގައުމު ދެން ރާއްޖެވެސް ހިނގާނީމިމަގުންނެވެ.

  2. Anonymous

    އިންޑިޔާގެ އަނިޔާވެރިކަމާއި ނުބައިނުލަފާކަމުން އެ ގައުމުގެ މުސްލިމުންނާއި މި ދިވެހި ގައުމު ސަލާމަތްކުރައްވާށި! އާމީން

  3. މޫސަ

    ދިވެހިރާޖެޔަ މިހާރުކޮރޯނާވައި ރައްސަވުރެނުބާރޯގާ ޔެއްމިހާރުއެބަފެތުރެޔޭ އެއީ ފަސާދަ އެކަމައް ފަރުވާޔެހޯދަންޖެހޭ