ޗައިނާގެ ދެކުނުގެ ސަރަޙައްދެއްގައި އޮންނަ ގުއާންޒީގެ އެލެމެންޓްރީ ސްކޫލެއްގައި ކިޔަވަން ތިބި 37 ކުއްޖަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާގައި އަނިޔާވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނެވެ. މީގެ އިތުރުން އިތުރު ދެ މީހަކަށް ވެސް ވަޅިން ހަމަލާދީފައިވާ ކަމަށް ނޫސްތައް ބުނެއެވެ. މި ދެމީހުންނަކީ ސްކޫލުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ.

މި ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ ހަމަލާ ދިން ދެ މުވައްޒަފުންނަށެވެ. ނަމަވެސް އެ ދެމީހުންގެ ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިފައިނުވާ ކަމަށް އިދާރާތަކުން ބުނެއެވެ. މި ހާދިސާގައި އަނިޔާލިބުނު ކުދިންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެކުދިންނަށް ވަޅިން ހަމަލާދިން ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

އިއްޔެގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާ ލިބުނު 37 ކުދިންނާއި ދެ މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

މި ހާދިސާ އާއި ގުޅިގެން ގުއާންޒީގެ ފުލުހުން ވަނީ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މިކަމާއި ބެހޭ އިތުރު މައުލޫމާތެއް އޮފިޝަލުން ނޫސްތަކުގައި އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގައި، ޚާއްސަކޮށް އެޤައުމުގެ ސްކޫލްތަކުގައި މިފަދަ ހާދިސާތައް މީގެ ކުރިން ހިނގާފައި ވެއެވެ. މިގޮތުން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުވެސް އެޤައުމުގެ ޗޮންގިންގް ނަމަކަށްކިޔާ ސިޓީއެއްގެ ސްކޫލަކަށް ވަޅިއެއް ހިފައިގެން ވަތް އަންހެނަކު، 14 ކުއްޖަކަށް ހަމަލާ ދީފައި ވެއެވެ.

އަދި ހަމަ އެއަހަރުގެ އޭޕްރިލް މަހު ހިނގި އެފަދަ އެހެން ހާދިސާއެއްގައި ސްކޫލެއްގައި ކިޔަވަން ތިބި ނުވަ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލާފައި ވެއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު، ޗައިނާގެ ތުއްތު ކުދިންނަށް ޚާއްސަ ސްކޫލެއްގެ ފާރުމަތިން އަރައިގެން އެތަނަށް ވަތް މީހަކު 11 ކުއްޖަކަށް ވަޅިން ހަމަލާދިން މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ.