ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ ވެސް އިތުރު 1031 މީހަކު މަރުވެއްޖެއެވެ.

އިއްޔެ އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު، ބުދަ ދުވަހު މަރުވި މީހުންނަށް ވުރެ މަދެވެ. ބުދަ ދުވަހު އެމެރިކާ އިން 1083 މީހަކު މަރުވިއެވެ. އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު މަދުވި ނަމަވެސް އިއްޔެ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ގިނައެވެ. އިއްޔެ ވަނީ 22268 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމެރިކާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އިއްޔެ ނިއުޔޯކުން މަރުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ނިއުޔޯކުން އިއްޔެ 117 މީހަކު މަރުވިއެވެ. އިލިނޮއިސް އާއި ޕެންސިލްވޭނިއާ އަށް ބަލާއިރު އެއިން ކޮންމެ ސްޓޭޓަކުން 115 މީހަކު މަރުވިއެވެ. ނިއުޖާޒީން ވެސް އިއްޔެ ވަނީ 100 މީހަކު މަރުވެފައެވެ.

އެމެރިކާ އިން އިއްޔެ 1,924,051 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 110,173 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 712,252 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށްވަމުން އައުމަށް ފަހު ފާއިތުވި ތިން ދުވަހު ފައްސިވާ މީހުންގެ އެވްރެޖް އަދަދު ވަނީ އިތުރު ވެފައެވެ. މިއީ އެމެރިކާގެ ބައެއް ސްޓޭޓްތައް ހުޅުވާލުމުންނާއި ގައިދުރުކަމުގެ އުސޫލުތަކަށް އަމަލު ކުރުން ކުޑަވުމުގެ ސަބަބުން ބަލި އިތުރަށް ފެތުރެމުންދާ ކަމުގެ ނިޝާނެއް ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް މިހާރު ވަނީ ފުރަބަންދަށް ލުއިތަކެއް ދޭން ފަށާފައެވެ. އަދި ވައިޓް ހައުސް އިން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން ބައެއް ސްޓޭޓްތައް މިހާރު ވަނީ އެއްކޮށް ހުޅުވާލަން ވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު